ސިހުރާ ބެހޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓު ނުކުރުމަށް ރާއްޖޭގައި ބްރޯޑްކާސްޓު ކުރާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސިހުރު ހެދުމަކީ މާތްﷲ ހަރާމް ކުރައްވާފައިވާ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ސިހުރާއި ގުޅޭ ގޮތުން ރާއްޖޭގެ ބައެއް ބްރޯޑްކާސްޓަރުން މިހާރަކަށް އައިސް ގެނެސްދޭ ބައެއް ކޮންޓެންޓުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދައާ ފާހިޝް އަމަލުތައް އިތުރުވަމުން އަންނަ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީ އާއި ފިގުހު އެކަޑަމީން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމްގެ ފަރާތުން ވަނީ މިއަދު އަންގައިފަ އެވެ.

ސިހުރާ ގުޅޭ އެއްވެސް ކޮންޓެންޓެއް ނުފޮނުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ދައުލަތުގެ ބައެއް ވެރިން ސްރީލަންކާގެ ސިހުރުވެރިއެއްލައްވައި ސިހުރު ހެއްދުވި ކަމުގެ ތުހުމަތުތަކެއް އެމީހާ ވަނީ ކޮށްފަ އެވެ. އަދި އެ ކޮންޓެންޓް ވަނީ ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކޮށްފަ އެވެ.

ބްރޯޑްކޮމުން މިއަދު ވަނީ ރާއްޖެ ޓީވީއަށް އެކަމާ ގުޅިގެން ހާއްސަ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި އެ ޓީވީން ދާދިފަހުން ބްރޯޑްކާސްޓްކުރި "ސިހުރުގެ ވެރިކަން" އެ ޕްރޮގުރާމާއި އެ ޕްރޮގުރާމުގެ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓު ނުކުރުމަށް ވަނީ އަންގާފަ އެވެ.

ސަންގު ޓީވީން ގެނެސްދެމުން ދިޔަ "ސިހުރު ފަންޑިތަ" ޕްރޮގުރާމް ވެސް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އެ ސްޓޭޝަނަށް އަންގާފައިވެ އެވެ.

އެ ޕްރޮގުރާމް ހުއްޓާލުމަށް މިނިސްޓްރީން އެންގީ އެ ޕްރޮގްރާމްގައި ހިމެނޭ މައުލޫމާތާއި ބެކްގްރައުންޑް މަންޒަރުތަކުން މުޖުތަމައުގެ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް އަސަރުކުރާ ފަދަ ގޮތަކަށް ގެނެސްދޭ ޕްރޮގްރާމަކަށް ވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.