21 Apr 2011, 19:05
ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރަން ބޭނުން ނަމަ މި ފަސް އަހަރު އިދިކޮޅު ޕާޓީއާއެކު މަސައްކަތްކުރަންޖެހޭ ކަމަށާއި، މި ފަސް އަހަރަށްފަހު މާޒީ އަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ސްޕެޝަލް އެންވޯއީ ޓްދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ވިދާޅު ވެއްޖެ އެވެ.
ކެމްޕެއިން ދަތުރު ފުޅެއްގައި ޅ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ޒަކީ ވިދާޅުވީ މާޒީ އަކީ ކުރީގެ ސަރުކާރު ކަމަށާއި، މާޒީއަށް އިންސާފު ހޯދައި ދިނުން ލަސްވެފައިވާ ރައްޔިތުން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ.
"އެމްޑީޕީ ސަރުކާރަށް ގެނައީ ކުރީގެ ސަރުކާރުން އަނިޔާ ލިބިފައިވާ މީހުންގެ ވޯޓުން. ނަމަވެސް އިދިކޮޅު ޕާޓީއާ ނުލައި ގައުމުގައި ޑިމޮކްރަސީ އާލާކުރަން މި ފަސް އަހަރު އުޅެފި ނަމަ ފަހުން ނިކުންނަ ނަތީޖާ ވަރަށް ގޯސް ވާނެ." ޒަކީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ފަސް އަހަރު މާޒީއަށް އިންޒާފު ހޯދައިދޭން އުޅެފި ނަމަ ދެން އަންނަ ކޮންމެ ވެރިކަމެއްގައި ގާނޫނުތަކަށް ބަދަލު ގެނެސްގެން ހުދު މުހުތާރު ވެރިކަމެއްގެ ތެރެއަށް ގައުމު އަލުން ގެންދަން މަސައްކަތް ކުރާނެ ކަމަށާއި އެހެންކަމުން މި ފަސް އަހަރު އިދިކޮޅު ޕާޓީއާއެކު މަސައްކަތްކޮށް ހަރުދަނާ ގާނޫނުތަކެއް ނިންމަންޖެހޭ ކަމަށެވެ.
ޒަކީ ވިދާޅުވީ، ޑިމޮކްރެޓިކް ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރަކީ ވަރަށް ބޮޑެތި ޗެލެންޖް ތަކެއް ކުރިމަތި ވާނެ ފަސް އަހަރު ކަމަށެވެ. އަދި މާޒީގައި ވެފައިވާ ކަންތައްތަކަށް އިންސާފު ހޯދައި ނުދެވި މި ވޭތުކުރާ ފަސް އަހަރު އިދިކޮޅު ޕާޓީތައް ހަރަކާތްތެރިވާނެ ގޮތް މީޑިއާއިން މިހާރު ދައްކަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފަސް އަހަރު މާޒީއަށް އިންސާފު ހޯދައިދިނުން މަޑުކޮށްލުމަށްފަހު ގައުމާއިގެން ކުރިއަށް މިދަނީ ގައުމުގެ މުސްތަގުބަލަށްޓަކައި. މި ފަސް އަހަރު ވޭތުކުރަން ޖެހޭނީ ބަޔަކު ހައްޔަރުކޮށް ޖަލަށް ނުލައި،" ޒަކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަސް އަހަރަށްފަހު މާޒީއަށް އިންސާފު ހޯދައިދޭން ފަށާ މަސައްކަތުގައި ދައުލަތަށް ގެއްލިފައިވާ މުދަލެއް، ނުވަތަ ހިޔާނާތްތެރި ވެފައިވާ ފައިސާއެއް ހުރިނަމަ އެ ފައިސާއެއް ހޯދައި ގެއްލިފައިވާ އިންސާނީ ހައްގެއްވާނަމަ އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ.