21 Apr 2011, 18:11
މުޖްތަމަޢަށް ނުރައްކާތެރި "ހައި ޕްރޮފައިލް" އިތުރު ބައެއްގެ މަޢުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ކްރިމިނަލް ޑިޕާޓްމަންޓްގެ ވެރިޔާ އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި މިހާރު ތިބި މީހުންނަކީ އެމީހުން މުޖްތަމަޢުއަށް ދޫވެއްޖެ ނަމަ މުޖްތަމަޢު އަށް ނުރައްކާވާނެ މީހުން ކަމަށެވެ. ފުލުހުން މިއަދު މަޢޫލޫމާތު އާންމު ކުރި އަށް މީހުންނަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް މާރާމާރީ ހިންގުމާއި ފޭރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށް ނަވާޒު ވިދާޅުވި އެވެ.
އެގޮތުން މިއަދު މަޢުލޫމާތު އާންމުކުރި މީހުންގެ ތެރޭ ހިމެނޭ އެކަކީ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދެ މައްސަލައެއް ހިނގަމުން އަންނަ ހ. އަގި އަސީލް އިސްމާއިލެވެ. މިހާތަނަށް 10 ފަހަރެއްގެ މަތިން ހައްޔަރުކޮށް ހަތަރު މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ އަސީލް ނިސްބަތްވާ ގޭންގަކީ ބުރު ކަމަށް ނަވާޒު ވިދާޅުވި އެވެ. އަސީލް ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހައްޔަރުކޮށް ހުކުމެއް ތަންފީޒު ކުރަމުން ނެވެ.
ހައިޕްރޮފައިލް މީހުންގެ ތެރޭގައި ހިމެނޭ ގދ. ވާދޫ އިބްރާހިމް އިހްސާނަކީ ވެސް ބުރު ގޭންގަށް ނިސްބަތްވާ މީހެކެވެ. އަދި މިދިޔަ މަހުގެ ހަތަރަކުން ފެށިގެން ފުލުހުންގެ ހައްޔަރުގައި ހުރި އިހްސާންގެ ދެ މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ އިރު އަށް ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި ހަމަ މއ. ވީނަސްތަރި ހަސަން ޝުމާޒު މުހައްމަދު ސުވާދަކީ ވެސް ބުރު ގޭންގަށް ނިސްބަތްވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އޭނާ ވަނީ ހަ ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފަ އެވެ. އެންމެ ފަހުން ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އޭނާ އަކީ އެންމެ ފަހުން ހިނގި މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ޕީޖީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
ފުލުހުން މިއަދު މަޢުލޫމާތު އާންމު ކުރި ހަތަރު ވަނަ މީހަކީ މއ. ސީނަރީވިއު އާތިފް ރަޝީދެވެ. އޭނާ އަކީ ބުރު އަދި ޕީޓްރަލް ގޭންގަށް ނިސްބަތްވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އާތިފް ރަޝީދުގެ ދެ މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ އިރު އޭނާ ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން ހައްޔަރު ކޮށްފަ އެވެ.
ފުލުހުން މިއަދު މަޢުލޫމާތު އާންމު ކުރި ގދ. ގައްދޫ މުހައްމަދު ސުފްޔާނަކީ މީގެ ކުރިން 13 ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި ޕީޓްރަލް އަށް ނިސްބަތްވާ ސުފްޔާން އެންމެ ފަހުން ހައްޔަރު ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
މާރާމާރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ހ. ލޮބީ މުހައްމަދު ކިނާނަތު އަހުމަދަކީ 15 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. މަސްއޮޑި ގޭންގަށް ނިސްބަތްވާ ކިނާނަތުގެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އަދި މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހުރި ކިނާނަތުގެ ހަތަރު މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.
ނަވާޒު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދެ މައްސަލައެއް ހިނގަމުން އަންނަ ސ. މަރަދޫ ސަލްޓަން ވިލާ މުހައްމަދު ރިމާހަކީ އެންސީޕާކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އޭނާގެ ހަތަރު މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ އިރު މިހާތަނަށް 19 ފަހަރެއްގެ މަތިން ރިމާހު ހައްޔަރު ކޮށްފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހުން އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދެ މައްސަލައެއް އޮތް ލ. ގަން ތުނޑި ސްނޯރޯނަސް މާދިހު މުހައްމަދު މިހާތަނަށް ވަނީ ހަތްފަހަރެއްގެ މަތިން ހައްޔަރުކޮށްފަ އެވެ. އަދި ކުޑަހެންވޭރަށް ނިސްބަތްވާ މާދިހުގެ މައްސަލައެއް ވަނީ ޕީޖީ އަށް ވެސް ފޮނުވާފަ އެވެ.
ނަވާޒު ވިދާޅުވީ ފަހަކަށް އައިސް ފުލުހުންނަށް ހުށަހަޅާ މާރާމާރީ އާއި ވައްކަމާ ފޭރުންފަދަ ބޮޑެތި މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކަށް ވަކާލާތު ކޮށްދެއްވާ ލޯޔަރުން ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ގުޅަމުންދާ ކަމަށެވެ. އަދި ބައެއް ފަހަރު އަމިއްލަ މަސްލަހަތު ހިމެނޭ ބައެއް ވާހަކަތައް ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ގުޅާ ދައްކަމުންދާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވި ގޮތުގައި ބައެއްފަހަރު މައްސަލަތަކުގައި ހައްޔަރު ކުރާ ކުދިންގެ ބެލެނިވެރިން ފުލުހުންނަށް ގުޅާ ތަފާތު އިންޒާރުތައް ދެމުންދާ ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އޭގެ އޯޑިއޯ ކްލިޕެއް މިއަދުގެ ނޫސްކޮންފަރެންސްގައި ވަނީ އަޑުއިއްވާފަ އެވެ.
އެގޮތުން ބޭއަދަބީ ބަސްތަކަކުން ވާހަކަ ދައްކާފައިވާ އެ އޯޑިއޯ ކްލިޕްގައި އިވެނީ ފިރިހެނަކު ވަރަށް ރުޅިއައިސް އޭނާގެ ދަރިއަކު ހައްޔަރު ކުރުމުން ފުލުހުންނަށް އިންޒާރު ދެމުންދާ އަޑެވެ.
"ކަލޭމެން ކަމެއް ވާއިރަށް ހައްޔަރު ކުރަން ޖެހެނީ މަގޭ ދަރިތަ؟ އަހަރެން ވެސް ގަބޫލު ކުރަން އޭނަ ބޭރުގައި އުޅޭ ކަމަށް. އެކަމަކު މީހެއްގެ ގައިގައި ވަޅި އަޅާއިރަށް ނުޖެހޭ މަގޭ ދަރި ހައްޔަރު ކުރާކަށް. އަހަރުމެން އޭނަ އާ ބެހޭ ގޮތުން ރިޕޯޓެއް ނުކުރާއިރު ކަލޭމެން ނުޖެހޭ މަގޭ ދަރި ހައްޔަރު ކުރާކަށް. ހުރެބަލަ ނިކަން ކުޅި ދައްކާލާނަން،" ފުލުހުން މިއަދު އާންމު ކުރި އޯޑިއޯ ކްލިޕްގައި ވާހަކަ ދައްކާފައިވާ މީހާ ފުލުހުންނަށް އިންޒާރު ދެމުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެމީހަކީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި މާލޭ ދަފްތަރު އަބުދުﷲ ނަސީރު (ގާލެންޑޯ) ހައްޔަރު ކުރުމާ ގުޅިގެން ގުޅި މީހެއް ކަމަށެވެ.
ނަވާޒު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މީހުން ހައްޔަރު ކުރުމުން އެމީހުންގެ ބެލެނިވެރިން ކުށްކުރުމަށް ހިތްވަރު ލިބޭ ގޮތަށް ފުލުސް އޮފީހަށް ހާޒިރުވެ، އަދި ފޯނުން ގުޅައިގެން ވެސް ބައެއް ފަހަރު މުއާމަލާތް ކުރަމުންދާ ކަމަށެވެ. އަދި ކުށްކުރުމަށް ހިތްވަރު ލިބޭ ގޮތަށް މުއާމަލާތް ނުކުރުމަށް ވެސް ނަވާޒު ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަވާޒު އިތުރަށް ވިދާޅުވީ ރޭގައި އެމްއެންބީސީގެ ޖާނަލިސްޓަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސީސީޓީވީގެ ފޫޓޭޖްތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.