އިނގިރޭސި އެފްއޭ ކަޕްގައި ފަހުވަގުތު ވެސްޓްހަމް އިން ކާމިޔާބް ކުރި ގޯލާއި އެކު 2-1ގެ ނަތީޖާ އަކުން ލިވަޕޫލް ބަލިވެ އެޓީމު މުބާރާތުން ކަޓައިފިއެވެ.

ވެސްޓްހަމްގެ ބޮލީން ގުރައުންޑްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ވެލެންސިއާ ނަގައިދިން ހުރަހަކުން މައިކަލް އެންޓޯނިއޯ ވަނީ، ވެސްޓްހަމްއަށް މެޗުގެ ލީޑުނަގައިދީފައެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ވެސްޓް ހަމް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ވެސްޓްހަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް، ދެވަނަ ހާފްގެ 48 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެ ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ އިރު، މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ވެސް ނަތީޖާއަށް ބަދަލެއް އައިސްފައިނުވުމުން، ނަތީޖާ ނެރުމަށް ވަނީ 15 މިނެޓްގެ ދެ ހާފްކުޅެފައެވެ.

އެގޮތުން ވެސްޓްހަމް އެ މެޗުން މޮޅުކޮށްދިން ގޯލު އިތުރު ވަގުތުގެ ދެވަނަ ހާފްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ޑިފެންޑަރު އޮބިންޒޭ އޮގްބޮނާއެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ވެސްޓް ހަމް އާއި ލިވަޕޫލް ކުޅުނު މެޗުގައި ވެސްޓްހަމް މޮޅު ކޮށްދިން ގޯލު އޮބިންޒޭ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ އެމެޗުގައި ލިވަޕޫލަށް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު ކަމަށާއި ނަސީބު އެހީ ނުވުމުން މެޗުން ބަލިވީ ކަމަށެވެ.

"ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި. ނަމަވެސް ގޯލަކަށް ހަދާލުމުގެ ކުޅަދާނަކަން ނެތީ. ފުރުސަތު ތައް ހޯދައި ބޭކާރު ކޮށްލަންޏާ އެ ފުރުސަތުތައް ހޯދުމުގެ ބޭނުމެއް ނެތް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ވަނީ ލިވަޕޫލްގެ ފޯވާޑުން ނަށް ލިބުނު ހުސް ފުރުސަތުތައް ގޯލަކަށް ބަދަލު ކޮށްނުލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެމުބާރާތުގެ ފަސްވަނަ ބުރުގައި މިމަހު 21 ވަނަދުވަހު ވެސްޓްހަމް ނިކުންނާނީ ބްލެކްބާން ރޯވާސްއާ ދެކޮޅަށެވެ.