10 Feb 2016, 11:16
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ފުލުހުން އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ހައްޔަރު ކުރުމުން އެކަން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިން ގޮވާލައިފި އެވެ.
އައިސީޖޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒީ ނިހާން ހައްޔަރު ކުރުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ ނަޒާހަތްތެރިކަމަށް ދިން އިތުރު ހަމަލާއެއް ކަމަށެވެ.
"މިއީ ރައީސް ޔާމީނުގެ ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގާނޫނީ ވެރިކަމަށް ދިން އިތުރު ހަމަލާއެއް،" އައިސީޖޭ އިން އޭޝިޔާއަށް ކަނޑައަޅާފައިވާ ޑިރެކްޓާ ސޭމް ޒަރީފީ ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އޭނާ ވަނީ ގާޒީ ނިހާން ހައްޔަރު ކުރުމަކީ ޑިމޮކްރަސީ އާއި ބައިނަލްއަގުވާމީ ޒިންމާތަކުގެ ބޭރުން ކުރެވުނު ކަމެއް ކަމަށާއި، އެއީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.
ޒަރީފީ ވިދާޅުވީ، ޝަރުއީ ދާއިރާއަށް ނުފޫޒުފޯރާފައިވާ މިންވަރާއި ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ބަލިކަށިވެފައިވާ މިންވަރު މިކަމުން ވެސް ހާމަވެގެންދާ ކަމަށެވެ.
އެހެންކަމުން އައިސީޖޭ އިން ވަނީ ގާޒީ ނިހާން ވަގުތުން ދޫކޮށްލައި، އިންސާނީ ހައްގުތައް ކަށަވަރު ކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް ޔޫއެންގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ވެސް ގޮވާލައިފަ އެވެ.
ގާޒީ ނިހާނު ހައްޔަރުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީން ހައްޔަރު ކުރުމަށް"ސައްހަ ނޫން ކޯޓު އަމުރެއް" ހެދި މައްސައިގަ އެވެ. އަދި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.
ނިހާންގެ އިތުރުން އެ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މުހުތާޒު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ.