ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކާރާއި ސައިކަލް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައަޅައި އެ އުސޫލަށް މި އަހަރު މާޗް މަހުން ފެށިގެން އަމަލު ކުރަން ފައްޓާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

އަލަށް ހެދި ގަވައިދާ އެކު އަލަށް ގެންނަ ސައިކަލާއި ކާރު 15 އަހަރަށް ދުއްވުމުގެ ހުއްދަދޭ އިރު ކުރިން ބޭނުންކޮށްފައިވާ ކާރާއި ސައިކަލް އަލަށް ރަޖިސްޓްރީ ކުރާ އިރު ދުއްވޭނެ މުއްދަތަކަށް 10 އަހަރު ވަނީ ކަނޑައަޅައިފަ އެވެ.

އަލަށް އަމަލު ކުރަން ފަށާ އެ އުސޫލުގެ ތެރޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ނުހިމެނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ އެ އުސޫލަށް އަންނަ މާޗް މަހު މަހުން ފެށިގެން އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.

"އަމަލު ކުރަންފަށާނީ މާޗް އެކަކުން، އޭގެ ކުރިން އަޅުގަނޑުމެން އެކަން އިއުލާން ކުރާނަން." ނާފިޒު ވިދާޅުވި އެވެ.

ވަރަށް އަވަހަށް އެ އުސޫލް އިއުލާން ކުރެވިގެންދާނެ ކަމަށާއި އިއުލާންކުރާ އިރު އަމަލުކުރަން ފަށާ އުސޫލަށް ފަހަރެއްގައި ބަދަލެއް އަތުވެދާނެ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.

އެއުސޫލް އިއުލާންކުރާ ހިސާބުގައި މިހާރު އޮތް އިރު އެ އުސޫލް މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރުގެ ލަފަޔަށް ފޮނުވާފައި ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.

އެ އުސޫލް ތަންފީޒު ކުރެވެން ފެށުމާ އެކު ވެހިކަލް ގިނަވެގެން މިހާރު ޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.