ވޮޝިންޓަން (ފެބްރުއަރީ 10) : އެމެރިކާގެ އެތެރޭގައި އުފެދޭ އެމެރިކާގެ ރައްޔިތުން ހިމެނޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކާތެރިކަން އެމެރިކާގެ ގައުމީ ސަލާމަތަށް އައިއެސް ޖަމާއަތަށް ވުރެ މާބޮޑުކަމަށް އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ ވެރިޔާ ޖޭމްސް ކްލޭބާ ވިދާޅުވެއްޖެ އެވެ.
ޖާސޫސީ ކަންތައްތަކާ އަދި ގައުމީ ސަލާމަތާބެހޭ ސެނެޓްގެ ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ކްލޭބަރު ވިދާޅުވީ އެމެރިކާގެ އެތެރޭގައި އުފެދޭ އެމެރިކާގެ ރައްޔިތުން ހިމެނޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށާއި މިފަދަ ޖަމާއަތްތައް އެމެރިކާގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމުގަ އެވެ. މީގެ އިތުރުން ސައިބާ ސެކިއުޓީގެ މައްސަލަ ވެސް އެމެރިކާ އަށް ބޮޑުވަމުންދާ ކަމާއި ސައިބާ ސެކިއުޓީ ދަށްވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ވެސް އައިއެސްގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރިކަމަށްވުރެ މާބޮޑު ކަމުގަ އެވެ.
އައިއެސްއަކީ ބާރުގެ ބޭނުންކޮށްގެން އޭގެ ނުރައްކާތެރިކަން ކުޑަކޮށްލެވޭފަދަ ޖަމާއަތެއްކަމަށާ ނަމަވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުން ދާއިރު ސައިބާ ސެކިއުޓީގެ ނުރައްކާ ކުޑަކުރެވޭނެ އެއްވެސް ގޮތެއްނެތްކަމުން އެމެރިކާގެ ގައުމީ ސަލާމަތް ނުރައްކަލުގެ ތެރޭގައިވާކަމަށް ކްލޭބަރ ވިދާޅުވި އެވެ. އެމެރިކާގެ ޖާސޫސީ ލިޔެކިޔުންތަކާއި އެނޫން ވެސް ސިއްރު ލިޔުންތަކުގެ ތެރޭން އެތައް ހާސް ލިޔުމެއް ވިކިލީކްސް އިން ވަނީ ސައިބަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޯދައި އޭގެ ސިއްރުތައް ބޭޒާރު ކޮށްލާފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ އެތައް ސިއްރުތަކެއް ވަނީ ދުޝްމަނުންގެ އަތްދަށަށް ގޮސް އެމީހުންނަށް އެނގިފަ އެވެ. އަނެއްކޮޅުން އެމެރިކާގެ އެތެރޭގައި ހިނގާ ބަޑިޖެހުމުގެ ހާދިސާތަކުގައި އަހަރެއްގެ މައްޗަށް 70 ވަރަކަށް މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެގެންދާއިރު އައިއެސް ނޫނީ އަލްގާއިދާގެ ހަމަލާއެއް ފާއިތުވި ދެތިން އަހަރު ވެސް އެމެރިކާ އަށް އަރާފައި ނުވާކަން ކްލޭބާ ހާމަކުރެއްވި އެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އެތެރޭގައި ބަޑި ޖަހައި މީހުން މެރުމުގެ ޙާދިސާތައްދަނީ ގިނަވަމުންނެވެ. އަދި މިއީ އެމެރިކާގެ އަމްނާއި ސަލާމަތަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކާކަން ވެސް އެރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ. (ރޮއިޓާސް)