ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް މާފުށި ޖަލަށް ޒިޔާރަތްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ ވަފުދުން މާފުށީ ޖަލަށް ކުރި ޒިޔާރަތަކީ، މާފުށީގެ ޖަލުގެ ހާލަތު ބެލުމަށާއި ޖަލުގައި ހިންގާ އެކިއެކި ރިހިބެލިޓޭޝަން ޕްރޮގުރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ކުރި ޒިޔާރަތެއް ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް(އެމްސީސީ) އިން ބުނެ އެވެ.

އެމްސީސީ އިން ބުނީ، އެ ވަފުދުގެ ޒިޔާރަތުގައި ގައިދީން ކުރަމުންގެންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ވޮކޭޝަނަލް މަސައްކަތްތައް ބަލައި ސައިޓުތަކަށް ޒިޔާރަތް ކުރި ކަމަށެވެ.

އަދި ގައިދީން ކިޔަވާ ކްލާސްރޫމްތަކާއި ކޮމްޕިއުޓާ ލެބް އަދި ލައިބްރަރީ އާއި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ވެސް ވަފުދުގެ ބޭފުޅުން ޒިޔާރަތް ކުރި ކަމަށެވެ.

ހަމައެހެންމެ، މާފުށީ ޖަލާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވެސް އެ ވަފުދުގެ ބޭފުޅުންނަށް ހުށައަޅައި ދީފައިވާ ކަމަށް ވެސް އެމްއެމްސީ އިން ބުނެ އެވެ.

މާފުށީ ޖަލަށް އީޔޫ ވަފުދުން ކުރި ޒިޔާރަތުގައި އެ އޯގަނައިޒޭޝަންގެ ފަރާތުން ފަސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.