އދ. އާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެގެން ކުރިއަށްގެންދާ ޔޫއެން ޑިވެލޮޕްމަންޓް އެސިސްޓަންސް ފްރޭމްވޯކް (އުންޑާފް)ގެ ގަވާނަންސް ސެކްޓާގެ ޖޮއިންޓް ވާކް ޕްލޭންގައި އިއްޔެ ސޮއިކޮށްފި އެވެ.

އެއީ އުންޑާފްގެ ގަވާނަންސް ސެކްޓާ ހަރުދަނާ ކުރުމުގެ މަގްސަދުގައި ކުރިއަށްއޮތް ދެ އަހަރު (2016 – 2017) ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޖޮއިންޓް ވާކް ޕްލޭން އެކެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގައި ބޭއްވި މި ރަސްމިއްޔާތުގައި ގަވާނަންސް ސެކްޓާގެ ޖޮއިންޓް ވާކް ޕްލޭންގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. އަދި އދ.ގެ ފަރާތުން ސޮއި ކުރެއްވީ އދ. އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓާ މިސް ޝޯކޯ ނޯޑާ އެވެ.

އިއްޔެ ސޮއި ކުރި ޖޮއިންޓް ވާކް ޕްލޭން އިން ހާސިލްކުރުމަށް އަމާޒުކުރާ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ކުރިއަށް އޮތް އިންތިހާބުތަކަށް އަމާޒުކޮށްގެން، އިންތިހާބާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް ޓަކައި، ގައުމީ ފެންވަރުގައި ސްޓޭކްހޯލްޑަރުންނާ އެކު ވިލަރެސްކުރާނެ ނިޒާމެއް ގާއިމްކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ލޯކަލް އިންތިހާބުތަކާއި ގައުމީ ފެންވަރުގައި ބޭއްވޭ އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެނޑިޑޭޓުން ތަމްރީންކުރުމާއި ގާނޫނީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެއް ބިލުތައް ކަމަށްވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ބިލާއި، ދިވެހި ރާއްޖޭގެ ގާނޫނީ ވަކީލުންގެ ބިލު އަދި ޖިނާއީ އިޖުރާއަތުގެ ބިލު ތައްޔާރުކުރުމާއި، އެވިޑެންސް ބޭސްޑް ޕޮލިސީ ނުވަތަ ސިޔާސަތު އެކުލަވާލުމަށް މަގުފަހިކޮށްދިނުމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސީޓީއާ ގުޅިގެން މިނިވަން ރިސާޗް ފެސިލިޓީއެއް ގާއިމްކުރުމާއި އަދި ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އެކުލަވާލުން ހިމެނެ އެވެ.

އިއްޔެގެ އެ ރަސްމިއްޔާތުގައި އުންޑާފްގެ ޖެންޑާ ސެކްޓާ ހަރުދަނާކުރުމަށް ކުރިއަށް އޮތް ދެ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޖޮއިންޓް ވާކް ޕްލޭންގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.