14:30


ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އެއް އޮފީހެއްގައި މަސައްކަތްކުރެއްވުން އެއީ ސަލާމަތީ ގޮތުން މައްސަލަތަކެއް ނުކުންނަ ކަމެއް ކަމުގައި ބުނެ ކަމާ ބެހޭ ބައެއް ފަރާތްތަކުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އެއް އޮފީހެއްގައި މަސައްކަތްކުރެއްވުމާއި އެއް އުޅަނދެއްގައި ދަތުރުކުރުމަކީ ސަލާމަތީ ގޮތުން ބަލާއިރު ނުރައްކާތެރި ކަމަކަށް ވާތީ، އެކަން އެގޮތަށް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، އާ ގާނޫނު އަސާސީއާ އެކު ނައިބު ރައީސަކު އިންތިހާބުކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަސައްކަތް ކުރައްވަނީ އެއް އޮފީހެއްގަ އެވެ. އަދި އެއް އުޅަނދެއްގައި ދަތުރުކުރެއްވުމަކީ ވެސް އާންމު ކަމެކެވެ.


ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އެއް އޮފީހެއްގައި މަސައްކަތްކުރެއްވުން އެއީ ސަލާމަތީ ގޮތުން މައްސަލަތަކެއް ނުކުންނަ ކަމެއް ކަމުގައި ބުނެ ކަމާ ބެހޭ ބައެއް ފަރާތްތަކުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅި ނަމަވެސް، އެކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ވަކި ފިޔަވަޅެއް ނާޅުއްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.


ސަރުކާރުގެ އެންމެ އިސް ދެ ވެރިން އެއް އޮފީހެއްގައި މަސައްކަތްކުރެއްވުން އެއީ ސަލާމަތީ ގޮތުން މައްސަލަތަކެއް ނުކުންނަ ކަމެއް ކަމުގެވާހަކަ ދެކެވެންފެށިއިރު، ދެ ޕާޓީއަކަށް ނިސްބަތްވެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުފާތުވެފަ އެވެ. އަދި ނައިބު ރައީސް ގެންދަވަނީ ރައީސް ނަޝީދަށާއި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.