10 Feb 2016, 09:04
ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ ކުންފުނީގެ ސީޕްލޭން ފްލީޓަށް އިތުރު ހަތަރު މަތިންދާބޯޓު ގެންނަން ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ، މިހާރު އެ ކުންފުނީގައި އޮތީ ހަ މަތިންދާބޯޓު ކަމަށާއި މިއަހަރު ތެރޭގައި އެ ލިސްޓަށް އިތުރު ހަތަރު މަތިންދާބޯޓު އިތުރުކުރާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ އެބައޮތް މޫދުގައި ޖައްސާ ހަ މަތިންދާބޯޓު. އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެންގެ ފްލީޓަށް އިތުރުކުރަން ރޭވިފައި އެބައޮތް ހަތަރު ސީޕްލޭން،" ހާރިޝް ވިދާޅުވި އެވެ.
ހާރިޝް ވިދާޅުވީ، މިއަހަރުގެ ފަހު ކުއާޓަރަށް ދާއިރު އެ ކުންފުނީގެ ސީޕްލޭން ފްލީޓްގައި 10 މަތިންދާބޯޓް ބޭނުންކުރާނެ ކަމަށެވެ. އެ ކުންފުންޏަށް މިހާރު ގެނެސްފައިވާ ހަ ސީޕްލޭނަކީ ވެސް "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ބޯޓް ތަކެކެވެ.
ހާރިޝް ވިދާޅުވީ، އައިއެންއައިއޭ ގައި ސީޕްލޭން ޖައްސާތަން އިތުރަށް ތަރައްގީކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޓާމިނަލް ބިލްޑިން ފަދަ ކަންކަން ހިމެނޭކަމަށް ހާރިޝް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ސީޕްލޭނަކީ ހަމައެކަނި ޓޫރިސްޓުންނަށް ދަތުރުކުރެވޭ އެއްޗެއްގޮތަށް މިހާރު މި އޮންނަނީ ރާއްޖޭގައި. އަޅުގަނޑުމެން ޕްލޭންކުރަނީ ރާއްޖޭގައި ރަންވޭ ނެތް ހިސާބުތަކަށް ސީޕްލޭންގައި ދިވެހިންނަށް ވެސް ދަތުރުކުރެވޭނެ ގޮތްތަކެއް އޮންނަންޖެހޭނެ. އެކަމަށް މިހާރު ސްޓަޑީއެއް ކުރަމުން މިދަނީ އެކަން ރަނގަޅު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް،" ހާރިޝް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ސީޕްލޭންތައް ދަނީ ތ. އަތޮޅަށާއި ބ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި ހއ. އަތޮޅަށް ޗާޓަރު ދަތުރުތައްކުރަމުން އަންނައިރު ޗާޓާ ދަތުރުތައް އެހެން އަތޮޅުތަކަށް ވެސް ކުރެ އެވެ. ހާރިޝް ވިދާޅުވީ އަލަށް ގެންނަ ހަތަރު ސީޕްލޭނާ އެކު އިތުރު އަތޮޅުތަކަށް އަދި ރަށްތަކަށް ދަތުރު ކުރާނެ ކަމަށެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފެށީ، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.