ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލަކަށް ކުރާ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ. މޯލްޑިވިއަން އިން އަލަށް ދަތުރު ފެށީ ޗައިނާގެ ފޫޒޯ އަށެވެ.

އެގޮތުން އެތަނުން ފުރައިގެން ރާއްޖެއަށް އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖެއްސީ މިއަދު ހެނދުނު 6:15 ހާއިރު އެވެ.

މޯލްޑިވިއަންގެ އެ ބޯޓު އައިއެންއައިއޭގައި ޖެއްސުމުން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ވަނީ އެ އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މަރުހަބާ ކިޔުމުގައި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިންނާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންފޫކާން ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވީހާވެސް އިތުރަަށް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި، މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލަކަށް ފެށި ދަތުރަކީ އެކަމަށް އިތުރުވެގެން ދިޔަ ހަރުފަތެއް ކަމަށެވެ.

ސަފީރު ވިދާޅުވީ، ޗައިނާ އަކީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަށްވާ އިރު، މިއަހަރު ރާއްޖެއިން އަމާޒުހިފާފައިވާ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ މަސައްކަތަށް މިކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން މަދުވެގެން 500،000 ޓޫރިސްޓުން ޗައިނާ އިން އެކަނި ރާއްޖެއަށް ގެންނާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، މޯލްޑިވިއަން އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ގިނަ ޑެސްޓިނޭޝަންތަކަށް ދަތުރުތައް ކުރުމަަށް ކަމަށެވެ. އެގޮތުން މިއަދު އަނެއްކާވެސް އާ މަންޒިލަކަށް ދަތުރުތައް ފެށުނީ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

ޗައިނާގެ ފޫޒޯ އަށް ދަތުރު ފެށި އިރު، މިހާރު ވެސް އެ އެއާލަައިނުން ޗައިނާގެ އިތުރު ފަސް ސިޓީއަކަށް ދަތުރުތައް ކުރެއެވެ. އޭގެ ތެރޭގައި ޒިއާންއާއި ނަންޖިން އާއި ޗަންޝާ ހިމެނެއެވެ.

ހާރިޝް ވިދާޅުވީ ފޫޒޯ އަށް ރާއްޖެއިން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ފްލައިޓެއް ބާއްވާނެ ކަމަށާއި ޑިމާންޑަށް ބެލުމަށްފަހު ފްލައިޓްތައް އިތުރު ކުރާނެ ކަމަށެވެ.