10 Feb 2016, 09:12
ޕެސިފިކް ކަނޑުގައި އޮންނަ، އެމެރިކާގެ 50 ވަނަ ސްޓޭޓު ކަމުގައިވާ ހަވާއީގައި ޑެންގޫ ހުން އާދަޔާ ޚިލާފަށް ފެތުރެމުން ދާތީ، ހަވާއީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.
ޖަޒީރާތަކެއްގެ މައްޗަށް ހެދިފައި އޮންނަ ހަވާއީގެ ބިގް އައިލެންޑްގެ މޭޔަރު ބިލީ ކެނޯއީ އިއްޔެ ވިދާޅުވީ، މިދިޔަ ހަތަރު މަސް ތެރޭގައި ޑެންގޫގެ 250 ޕޭޝަންޓުން ރިޕޯޓު ކުރެވިފައިވާ ކަމަށާއި، މިއީ 1940 ގެ ފަހުން ޑެންގޫ ހުން ހަވާއީގައި އެންމެ ހަލުއިކޮށް ފެތުރުނު ފަހަރު ކަމަށެވެ.
މޭޔަރު ވިދާޅުވީ، މަދިރި އާލާވުން އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން މަދިރި އާލާވާ ގޮތަށް، ފެން ހަރުލާފައި ހުންނަ ތަންތަން ނައްތައިލުމަށާއި، އެފަދަ ތަކެތި ވެސް ނައްތައިލުމަށް ބާރު އަޅާ ކަމަށެވެ.
މިދިޔަ ހަތަރު މަސް ތެރޭގައި ޑެންގޫ ހުން ޖެހިގެން މީހަކު މަރުވި ކަމަށް ހަވާއީގައި ރިޕޯޓު ކުރެވިފައި ނުވި ނަމަވެސް، މި ބަލި ދަނީ ހަލުއި ކަމާ އެކު ފެތުރެމުންނެވެ.
ހަވާއީގެ ބިގް އައިލެންޑަކީ، ފަސް އަލިފާން ފަރުބަދައިގެ މައްޗަށް އުފެދިފައި އޮންނަ ޖަޒީރާ ރަށެކެވެ. މި ރަށަކީ ހަވާއީގެ ބައެއް ބޮޑެތި ސިޓީތައް ވެސް ހުންނަ ރަށެއްކަން ފާހަގަ ކޮށްލެވެ އެވެ.