10 Feb 2016, 09:27
ފްރާންސްގައި ފޭސްބުކް ބޭނުން ނުކުރާ މީހުންގެ ޒާތީ މައުލޫމާތު، އެމީހުންގެ ހުއްދައާއި ނުލައި ހޯދައި ބެލުން ހުއްޓާލުމަށް އެގައުމުން ފޭސްބުކްއަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފި އެވެ.
ފްރާންސުން އެގައުމުގެ ރައްޔިތުންގެ މައުލޫމާތު ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅީ، އަވަށްޓެރި ބެލްޖިއަމްއިން ވެސް އެފަދަ ފިޔަވަޅެއް އެޅުމާއި ގުޅިގެންނެވެ.
ފޭސްބުކްގެ ވެބްސައިޓަށް ވަންނަ ކޮންމެ ކޮމްޕިއުޓަރެއްގެ މައުލޫމާތުތައް ފޭސްބުކުން އެއްކުރެ އެވެ. ކުކީސް ނަމަކަށް ކިޔާ ސޮފްޓްވެއާގެ ބާވަތެއް އެ ވެބްސައިޓުން ކޮމްޕިއުޓަރަށް އިންސްޓޯލު ކުރުމަށްފަހު، އިންޓަނެޓުގައި އެ ކޮމްޕިއުޓަރުން ކުރާ ހުރިހާ ކަމެއްގެ މައުލޫމާތު އެއްކުރެ އެވެ. މި "ކުކީސް" މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް މަސައްކަތް ކުރެ އެވެ.
ފްރާންސްގެ އައިޓީއާ ބެހޭ ގައުމީ އިދާރާއިން ވަނީ، ދިމާވެދާނެ ކަމަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، އަށް ކެރެކްޓާގެ ވަރުގަދަ ޕާސްވޯޑަކަށް ޕާސްވޯޑުތައް ވެސް ބަދަލުކުރުމަށް އަންގައިފަ އެވެ.
އެހެން ނަަމަވެސް ފޭސްބުކްއިން ބުނަނީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ޔޫޒަރުންގެ ރައްކާތެރިކަން ކަމަށާއި، އެ ރައްކާތެރިކަމަށް އަރައިގަތުމަށް އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ފްރާންސްގެ އައިޓީއާ ބެހޭ، ސަރުކާރުގެ އިދާރާއާ ފޭސްބުކްއިން ވާހަކަ ދައްކައި މަޝްވަރާ ކުރާނެ ކަމަށްވެސް ފޭސްބުކްއިން ބުނެފައި ވެ އެވެ.
ފްރާންސްގެ ރައްޔިތުންނަށް "ފާރަ ނުލުމަ"ށާއި، ފާރަލުން ހުއްޓައިލުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ފްރާންސް ސަރުކާރުން ފޭސްބުކްއަށް ދީފައިވާ އިރު، މިކަމަށް އަމަލު ނުކުރެވިއްޖެ ނަމަ ފްރާންސަށް ފޭސްބުކްއިން ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިދާނެ އެވެ.