އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބަހުސެއް ބޭއްވުމަށް މި މަހު 26، 2011 ގައި ދި ޓީވީގެ ނަމުގައި ދަރުބާރުގެ ބުކްކޮށްދިނުމަށް ފަހު ރާއްޖެ ޓީވީ އަށް އެ ތަން ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިއްޔެ ހުށަހަޅައިފި އެވެ.

ދި ޓީވީ ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭސީސީ އަށް ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ ބަހުސް ބޭއްވުމަށް ޓަކައި ކުރިން ހައުސިން މިނިސްޓްރީން ވަނީ އޭޕްރީލް 26ގައި ރަންނަބަނޑޭރި މާލަމް އެ ކުންފުންޏަށް ބުކްކޮށްދީފައި ކަމަށެވެ. އަދި ބަހުސް ބޭއްވުމަށް ޓަކައި ވަރަށް ބޮޑު ތައްޔާރީތަކަކާއި ހަރަދުތަކެއް ކުރުމަށް ފަހު ފައިސާ ދައްކަން ދިއުމުން އެ ތާރީހަށް ރަންނަބަނޑޭރި މާލަމް ރާއްޖެ ޓީވީ އަށް ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން މޯލްޑިވްސްގެ ސިޓީގައި ބުނެފައި ވަނީ ރާއްޖެ ޓީވީ އަށް ރަންނަބަނޑޭރި މާލަމް ދިން މައްސަލައިގައި އެ ކުންފުނިން މައްސަލަ ޖައްސައިފި ނަމަ، ދަރުބާރުގޭގެ ބަލަދުވެރި ފަރާތް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ގުޅުމަށް ދަރުބާރުގޭގެ އޮފީހުގެ ކައުންޓަރުގައި ތިބި މުވައްޒަފުންނަށް ނޯޓަކުން އަންގާފައިވާ ކަމަށެވެ. އެކަމަކު އަކްރަމަށް ގުޅުމުން އެއްގޮތަކަށް ވެސް ފޯނު ނުނަންގަވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"މިކަމަކީ އަކްރަމް ކަމާލުއްދީން މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އަކްރަމް ކަމާލުއްދީން ހިއްސާވެވަޑައިގަންނަވާ ކުންފުންޏަކަށް ފުރުސަތު ދެއްވުމަށް ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފެންނާތީ މިކަން ބަލައިދެއްވުން އެދި ދެންނެވިން،" އެ ސިޓީގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވެފައި ވަނީ ދި ޓީވީން ކުރިން ފޯނުން ބުކް ކުރި ނަމަވެސް ފައިސާ ނުދައްކާ ކަމަށެވެ. އަދި ކުރިން ފައިސާ ދެއްކި ފަރާތަކަށް ތަން ކުއްޔަށް ދިނީ ކަމަށް އަކްރަމް ވިދާޅުވެފައިވެ އެވެ.