ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް "ސައްޚަ ނޫން ކޯޓު އަމުރެއް" ނެރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ގއ.މާމެންދޫ ވީނަސް އަހުމަދު ނިހާން ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ ސަސްޕެމްޑު ކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ކަމަށެވެ.

މެޖިސްޓްރޭޓް ކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާ އަށް އެންގުމަށް ވެސް މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައިކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވެސް ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.