މާލޭގެ އާސާރީ ތަންތަން އެހެން ތަންތަނަށް ބަދަލު ނުކުރުމަށް މާލޭ ސިޓީކައުންސިލުން ގޮވާލައިފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މާލޭގައި ހުރި އާސާރީ ބިންތަކާއި އާސާރީ މިސްކިތްތައް އަދި އެހެނިހެން ތަންތަން މާލޭ ސިޓީ ކައުންސިލުގެ ބަހެއް ނެތި ނަގަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ތަންތަން ބެލެހެއްޓުމަކީ ސިޓީކައުންސިލުން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"... ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެގާނޫނަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި އިސްލާހުގައި ވެސް މާލޭ ސިޓީ ކައުންސިލުން ދޭން ޖެހޭ ހިދުމަތެއްގެ ގޮތުގައި ބަޔާންވެފައި އޮތް އިރުވެސް މިއަދުގެ ސަރުކާރުން މާލޭ ސިޓީގައި ހުރި އާސާރީ މިސްކިތްތައް އެހެން ތަންތަނަށް ބަދަލުކުރައްވަމުން ގެންދަވާ ގެންދެވުން މިހިނދުން މިހިނދަށް ހުއްޓަވައިލެއްވުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަމެވެ. އަދި މިފަދަ ކަންކަމަކީ ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަންކަން ކަމުގައި މިކައުންސިލިުން ގަބޫލުކުރަމެވެ،" މާލޭ ސިޓީގެ މޭޔަރާއި ސިޓީ ކައުންސިލްގެ އެހެން މެމްބަރުން ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައި ވެއެވެ.