މީޑިޔާ ނެޓުގެ ފަރާތުން ރާއްޖޭގައި ޓްރާންސްމިޓް ކުރާ ޗެނަލްތައް ރާއްޖޭގައި ހަމައެކަނި ޓްރާންސްމިޓް ކުރެވޭނީ އެ ކުންފުންޏަށް ކަމަށް ބުނެ މީޑިޔާ ނެޓުން މިއަދު ކޮޕީރައިޓްގެ އިންޒާރެއް ނެރެފި އެވެ.

ކޮޕީ ރައިޓް ގާނޫނަށް މިއަދު އަމަލު ކުރަން ފެށުމާ އެކު މީޑިޔާ ނެޓުން ނެރެފައިވާ އިންޒާރުގައި ބުނެފައި ވަނީ އެ ބްރޯޑްކާސްޓް ކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފަރާތުން ޓްރާންސްމިޓް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީގެން، އެ ކުންފުނިން ޓްރާންސްމިޓް ކުރާ ޗެނަލްތައް ދެއްކުމުގެ ހައްގު ވަނީ ހަމައެކަނި އެ ކުންފުންޏަށް ކަމަށެވެ. އަދި އެގޮތާ ހިލާފަށް މީޑިޔާ ނެޓުގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ގަނޫނުގެ ދަށުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"މި ކުންފުނީގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްޗަށް ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިގެން ހައްގުތަކުގެ ގާނޫނުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް މި ކުންފުނިން އަޅަމުން ގެންދާނެ ވާހަކަ ދެންނެވިން،" މީޑިޔާ ނެޓުގެ އިންޒާރުގެ ބަޔާނުގައިވެ އެވެ.

މީޑިޔާ ނެޓުން ބުނެފައި ވަނީ ކޮޕީރައިޓުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓް ކުރާ ތަންތަނުގެ ހުއްދަ ނުހޯދައި އެ ފަރާތުން ބްރޯޑްކާސްޓް ކުރާ އެއްޗެއް އަލުން ބްރޯޑްކާސްޓް ކުރުމާއި އެފަދަ އެއްޗެއް އަލުން އުފެއްދުމަކީ މަނާ ކަމެއް ކަމަށެވެ.

މީޑިޔާ ނެޓުން މިހާރު ބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތަކުގެ ތެރޭގައި އީއެސްޕިއެން، ސްޓާ ސްޕޯޓްސް، ސްޓާ މޫވީސް، ސްޓާ ޕްލަސް، އެޗްބީއޯ، ސީއެންއެން، ބީބީސީ، ނެޝަނަލް ޖެއޮގްރަފިކް ޗެނަލް، ކާޓޫން ނެޓްވޯކް، ސްޓާ ކްރިކެޓް، ބޫމަރޭންޖް، ޒީ ސްޕޯޓްސް ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ. އެ ޗެނަލްތައް ވެސް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި މީޑިޔާ ނެޓަށް ކަމަށް އެ ކުންފުނިން ބުނަމުންދާ އިރު ބައެއް ފަރާތްތަކުން ދަނީ އެއާޓެލް ބޭނުންކޮށްގެން މިހާރު ވެސް ރާއްޖޭގައި އެ ޗެނަލްތައް ބަލަމުންނެވެ.