10 Feb 2016, 08:53
ޕްރިޔަންކާ ފިޔަވައި ހޮލީވުޑްގައި ދެން އެންމެ އަވަހަށް ވިދާލާނެ ބޮލީވުޑްގެ ތަރި އަކީ ދީޕިކާ ޕަދުކޯން އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވިން ޑީސެލް އާއެކު ކުޅޭ "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖު" ގެ ޝޫޓިންގު ދީޕިކާ ވަނީ އިއްޔެ ފަށާފައެވެ.
ދީޕިކާގެ އެ ކުރިއެރުމަށް މުޅި އިންޑިއާ ފަހުރުވެރިވާ އިރު، އެކަމާ އެންމެ ބޮޑަށް ފަހުރުވެރިވެ އުފާވާ އެކަކީ، ދީޕިކާގެ ލޯބިވެރިޔާ ކަމަށް މީޑިއާގައި ހަބަރު ފެތުރިފައިވާ ބޮލީވުޑްގެ ތަރި ރަންވީރު ސިންގު އެވެ.
ރަންވީރު ޓުވީޓު ކުރި ފޮޓޯ ---
އެކަން ހާމަ ވަނީ ރަންވީރު ޓުވީޓު ކުރި ފޮޓޯ އަކުންނެވެ. އެ ފޮޓޯ އަކީ ޓްރިޕަލް އެކްސް ގެ ލޯގޯ ޖަހާފައިވާ ޓެކްސީއެއްގެ ކައިރީގައި ހުރެގެން ރަންވީރު ނަގާފައިވާ ފޮޓޯ އެކެވެ. އެފޮޓޯގެ ކެޕްޝަންގައި އޭނާ ވަނީ ޝޫޓިންގެ ފުރަތަމަ ދުވަސް ކަމަށްބުނެ ދީޕިކާއަށް ހިތްވަރު ދީފައެވެ.
ހޮލީވުޑްގެ ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ދީޕިކާ ވަނީ ގިނަ ޓްރެއިނިންގުތަކެއް ހަދާފައެވެ. އޭނާ އެ ފިލްމުގައި ފެނިގެންދާނީ "ސެރެނާ" ކިޔާ މީހެއްގެ ރޯލުން ކަމަށް ހަބަރުތައް ބުނެއެވެ.