09 Feb 2016, 17:20
ވޮޝިންޓަން (ފެބްރުއަރީ 9): އެމެރިކާގެ އިސް ފަރާތްތަކަށް 2012 ވަނަ އަހަރު އެކި ފަރާތްތަކުން ދެއްވި ހަދިޔާތަކާ ބެހޭ ގޮތުން އެ ގައުމުގެ ސްޓޭޓް ޑިޕާންޓްމެންޓުން ނެރުނު ލިސްޓެއްގައިވާ ގޮތުން ސައުދީ ރަސްގެފާނު ވަނީ ހިލަރީ ކްލިންޓަނަށް 500،000 ޑޮލަރުގެ އަގުހުރި ގަހަނާ ހަދިޔާ ކުރައްވާފަ އެވެ.
އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ގޮތުގައި ހުންނެވި ހިލަރީ ކްލިންޓަނަށް ސައުދީގެ އަބްދުﷲ ރަސްގެފާނު ދެއްވި އެންމެ އަގުބޮޑު ހަދިޔާތަކުގެ ތެރޭގައި ހިމެނެނީ ހުދު ރަނުގެ ގަހަނާ އާއި ތަފާތު ޖަވާހިރު ހިމެނޭ ކަރުގަ އަޅާ ފަށަކާއި އަތުގަ އަޅާ ފަށަކާއި އަނގޮޓިއެކެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާއަށް ވެސް ގިނަ އަދަދެއްގެ ހަދިޔާތައް ލިބިވަޑައިގެންފައިވާ ކަމަށް ސްޓޭޓް ޑިޕާންޓްމެންޓުގެ ލިސްޓުގައިވެ އެވެ.
އެގޮތުން، ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓަރުގެ ފަރާތުން 16،500 ޑޮލަރުގެ އަގުހުރި ރަނުގެ ފަށަލައެއް ލާފައިވާ ގަޑިއަކާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފަރާތުން 740 ޑޮލަރުގެ އަގުހުރި ބާސްކެޓް ބޯޅައެއް އޮބާމާއަށް ލިބިވަޑައިގަތް ކަމަށް ސްޓޭޓް ޑިޕާންޓްމެންޓުން ބުނެ އެވެ.
ނަމަވެސް، އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެމެރިކާގެ ސަރުކާރުގައި މަސައްކަތް ކުރާ ފަރާތްތަކުން 350 ޑޮލަރަށް ވުރެ އަގުބޮޑު ހަދިޔާ ގަބޫލު ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން އެއަށް ވުރެ އަގުބޮޑު ހަދިޔާތައް ޖެހޭނީ އެހެން ފަރާތަކަށް ހަދިޔާ ކުރަން ނުވަތަ އާއްމުންނަށް ވިއްކާލާށެވެ. (އެންވައިޑެއިލީ)