ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް ބިން އާލްޝެއިހް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް ހަދިޔާ ކުރެއްވުމަށް ކުރިން ވައުދުވެވަޑައިގަތް 100،000 އެމެރިކާ ޑޮލަރު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝޫރާ ކައުންސިލްގެ ރައީސްގެ ފަރާތުން އެ ފައިސާގެ އެހީ ހަވާލުކޮށްދެއްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ އެމްބެސެޑަރު ޠާރިގު އަލް ފަޔެޒް އެވެ. އަދި ޔުނިވާސިޓީގެ ފަރާތުން އެ އެހީއާ ހަވާލުވެފައި ވަނީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަމީމް އަލީ ސައީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އެ ޝޫރާ ކައުންސިލްގެ ރައީސްގެ ފަރާތުން ދެއްވި އެހީއަކީ އެ ޔުނިވާސިޓީ އަށް ބައިނަލްއަގުވާމީކޮށް ލިބުނު އެންމެ ފުރަތަމަ އެހީ ކަމަށެވެ.

ޝަހީމް ވިދާޅުވީ އެ ފައިސާއަކީ ޝޫރާ ކައުންސިލްގެ ފަރާތުން ހަދިޔާކުރެއްވި ފައިސާއެއް ނޫން ކަމަށެވެ.

"މި ފައިސާއަކީ ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް އަލްޝެއިހްގެ އަމިއްލަ ފައިސާއިން ދެވޭ މާލީ އެހީތެރިކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޔުނިވާސިޓީ ތަރައްގީ ކުރުމަށް އެކި ފަރާތްތަކުން އެހީ ބޭނުންވާ ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން އާ ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޠާރިގު އަލް ފަޔެޒް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ކުރިއަށް ވުރެ އެތައް ގުނައެއް ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކި ކަހަލަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.