21 Apr 2011, 16:55
ޑޮލަރުގެ އަގު ބޮޑުކޮށް ދިވެހި ރުފިޔާގެ އަގު ވައްޓައިލުމުގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ޤައުމީ ބޭންކު (ބީއެމްއެލް) ގެ ޗެއާމަން އާދަމް އިބްރާހިމް އިސްތިއުފާ ދެއްވުމަކީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅިކަން ހާމަވެ، ބޭންކްތަކުން ސަރުކާރުގެ ސިޔާސަތަށް އިތުބާރު ނެތްކަށް ރަމްޒުކޮށްދޭކަމެއް ކަމަށް އިދިކޮޅު ގައުމީ ޕާޓީން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭންކް އޮފް މޯލްޑީވްސްގެ ޗެއާމަން ކަމުން އާދަމް އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެން ގައުމީ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤައުމުގެ އިޤްތިޞާދީ ކަންކަން ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޤައުމީ ބޭންކްގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވުމަކީ ސަމާސާކަމެއްނޫން ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމާއި ޙަވާލުވެވަޑައިގަތުމާއިއެކު ސަރުކާރުގެ ސިޔާސަތަކަށް ވެފައިއޮތީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހުރި ވިޔަފާރި މަރުކަޒު ތަކުގެ އަގުވައްޓާލުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނަޝީދުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ގެއްލި އެ މީހުންގެ ފައިސާގެ މައްޗަށް ސަރުކާރުން ވެރިވެގެންފާނެކަމުގެ ބިރު އާއްމުވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
" މިގޮތުން ކުއްލި ކުއްލިއަށް ފުލުހުން ފޮނުވައިގެން ބޭންކްތަކުގައި ހުރި އާއްމު ފަރުދުންނާއި ފިޔަވާރިވެރިންގެ ފައިސާގެ މުއާމަލާތްތަކާއި ވިޔަފާރީގެ މުއާމަލާތްތަކުގެ މައުލޫމާތާއި ސަރުކާރުން ކުޅެ އެބޭފުޅުން ބޭންކްތަކަށް ކުރާ އިތުބާރު ނަގާލިއެވެ. އަދި ބޭންކުތަކަކީ ވިޔަފާރިވެރިން އެބައިމީހުނަށް ލިބޭ ފައިސާ ރައްކާކުރަން ޖެހިލުންވާ ތަނަކަށް ސަރުކާރުން ވަނީ ގަސްދުގައި ހަދާފައެވެ،"
ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ އިގްތިސާދީ ސިޔާސަތު އެކުލަވާލުމުގައި ފަންނީ މީހުންގެ ދައުރަށްވުރެ އެމްޑީޕީ ހަރަކާތްތެރިންނާއި، ގާތް ރަހުމަތްތެރިންގެ ބަސް އިސްވުމުގެ ސަބަބުން ސަރުކާރުގެ ސިޔާސަތު ދޯހަޅިވެ، ރައްޔިތުން އެކަމުގެ ޝިކާރައަކަށް ވަމުންދާ ކަމަށެވެ.
"ޑޮލަރު އަގު ބޮޑުކޮށް ޑޮލަރު ނީލަމަށްލައި ޑޮލަރުގެ ފަހަތުން ފުލުހުން ފޮނުވާހަދަން ފެށުމުން މިސަރުކާރަކީ ސިޔާސަތެއްނެތް، ކުރާ އެއްވެސްކަމެއް ދެކޮޅުޖައްސަން ނޭންގޭ ސަރުކާރެއްކަން ދިވެހި ރައްޔިތުންނަށް އެނގެ އެވެ."