ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މުހުތާޒު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އެ މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ރޭ ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިންމާލީ މިއަދު މެންދުރު އޮތް ޝަރީއަތަށް ފަހު އެވެ.

އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ މިއަދު އެ މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވަކި ވަގުތެއް ވިދާޅުވެފައެއް ނުވެ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އުޅުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކަމަށް ބުނެއެވެ.