09 Feb 2016, 15:56
ގާނޫނީގޮތުން އުފެދިފައިވާ އެއްވެސް ސަރުކާރެއް ވައްޓާލުމުގެ ފުރުސަތު އެއްވެސް އިރެއްގައި ދިވެހި ސިފައިން ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯސްޓްގާޑް ބިލްޑިންގުގައި މިއަދު ހެނދުނު ބޭއްވި އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ސިފައިންނަކީ އަބަދުވެސް ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ދެމެހެއްޓުމުގައި ދިވެހި ދައުލަތާއި ދައުލަތުގެ ހުރިހާ މިލްކިއްޔާތާއި އަދި ގާނޫނު އަސާސީ ދެމެހެއްޓުމުގައި އަބަދުވެސް ސާބިތު ކަމާއެކު ދެމިތިބޭނެ ބައެއްކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ޔަގީންކަންދެން ދިވެހި ސިފައިންނަކީ އަބަދުވެސް ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ދެމެހެއްޓުމުގައި ދިވެހި ދައުލަތާއި ދައުލަތުގެ ހުރިހާ މިލްކިއްޔާތާއި އަދި ގާނޫނު އަސާސީ ދެމެހެއްޓުމުގައި އަބަދުވެސް ސާބިތު ކަމާއެކު ދެމިތިބޭނެ ބައެއްކަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް ހާލަތެއްގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް އެއްވެސް ބަޔަކަށް ވައްޓާލުމުގެ ފުރުސަތު ދިވެހި ސިފައިން ނުދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އެއްވެސް އިރެއްގައި، ގައުމުގެ މަސްލަހަތާއި އަމަން އަމާންކަން ގެއްލިދާގޮތަކަށް އެއްވެސް ވަގުތެއްގައި ދިވެހި ސިފައިންގެ ލޮލެއް އެސްފިޔައެއް ޖެހިގެން ނުދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސިފައިންނަކީ އަބަދުވެސް، ސިފައިން އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެގޮތެއްނެތި ވަރަށް ސާބިތުކަމާ އެކު މަސައްކަތްތައް ކުރައްވަމުން އަންނަ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.