09 Feb 2016, 15:03
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ މަތީ ތައުލީމުގެ ކޯސްތައް މިއަހަރުގެ ޖޫން މަހުގައި ފެށޭނެ ކަމަށް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މަތީ ތައުލީމުގެ ހާއްސަ ޕްރޮގްރާމުތަކެއް ފަށާއިރު އޭގެ ތެރޭގައި އިސްލާމީ އިލްމާއި ޝަރިއްޔާ ހިމެނޭ ކަމަށެވެ.
"މިއަހަރުގެ ޖޫން މަހުގައި އިސްލާމީ އިލްމާއި ގުރުއާނުގެ އިލްމާއި ޝަރީއަތާއި ގާނޫނުގެ މަތީ ތައުލީމުގެ ކޯސްތައް މާތްﷲ އިރާދަ ކުރެއްވިއްޔާ ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ޖޫން މަހުގެ ކިޔެވުން ފެށޭ އިރު ހާއްސަ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްދާނެ އެވެ. އެގޮތުން ޝަހީމް ވިދާޅުވީ އަލް އަޒުހަރު ޔުނިވާސިޓީ އިސްލާމީ އެހެން ގައުމުތަކުގެ ޕީއެޗްޑީ ފެންވަރުގެ އުސްތާޒުން ގެނައުން ހިމެނޭ ކަމަށެވެ. އުސްތާޒުންނަކީ ޔުނިވާސިޓީގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ގެންނަ ޓީޗަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމަށް ގިނަ ފަރާތްތަކުން އަންނަނީ އެހީތެރިވަމުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ވެސް މެދުކެނޑުމެއް ނެތި އެންމެ ބޮޑު އެހީ ލިބެމުން އަންނީ ސައުދި އަރަބިއްޔާ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.