ނިއުދިއްލީ (ފެބްރުއަރީ 9): ހަތްދިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމައަށް އެންމެ ފާހަގަކޮށްލެވޭ އުރުދޫ ޅެންތައް ޝާއިރު ކޮށްފައިވާ އަދި ބޮލީވުޑްގެ މަޝްހޫރު ލަވަތައް ލިޔެފައިވާ ނިދާ ފާޒްލީ ނިޔާވެއްޖެ އެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ނިދާ ނިޔާވީ ހިތް ހުއްޓުމުގެ ސަބަބުންނެވެ. ނިޔާވި އިރު އޭނާގެ އުމުރުން 77 އަހަރެވެ.

ފާޒްލީ ނިޔާވުމުން އޭނާގެ އާއިލާއަށް ހަމްދަރުދީ ފޮނުވި ބޭފުޅުންގެ ތެރޭގައި ބޮޑުވަޒީރު ނަރިންދުރަ މޯދީއާއި، ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާންދީ އާއި ނައިބު ރައީސް ރާހުލް ގާންދީ ހިމެނިވަޑައިގަންނަވަ އެވެ.

ފާޒްލީގެ ފާހަގަކޮށްލެވޭ ޅެން ފޮތްތަކުގެ ތެރޭގައި "ލަފްޒޯ ކޭ ޕޫލް" އާއި "އާކް އޯރް ޚުވާބް ކޭ ދަރުމިޔާ" ހިމެނެ އެވެ. އަދި ބައެއް މަޝްހޫރު ޅެންތަކުގެ ތެރޭގައި "ތޫ އިސްތަރްހާ ސޭ މެރީ ޒިންދަގީމޭ ޝާމިލްހޭ" އާއި ސަރްފަރޯޝް ފިލްމުގެ "ޚޯޝްވާލޯ ކޯ ޚަބަރު ކެޔާ" ހިމެނެ އެވެ.

ނަވާރަސަތޭކަނުވަދިހައަށް ވަނަ އަހަރު ފަޒްލީ ވަނީ ސާހިތްޔާ އެކެޑެމީ އެވާޑް ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ވަނީ ފާޒްލީއަށް ޕަޑްމާ ޝްރީގެ ލަގަބް ދީފަ އެވެ. (ނޫސްއޭޖެންސީތައް)