މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަނުގެ ފައިސާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ވިލާ ޝިޕިންގުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށް ވިދާޅުވީ އަލްލާމު ލަތީފުގެ އެސްއޯއެފް ކުންފުނިން މައުލޫމާތު ދިން ގޮތުން އެރި އޮޅުމަކުން ކަމަށާއި އެ ކުށަށް މައާފަށް އެދޭ ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

"ވިލާއާއި ޔުނިވާސަލްގެ ރިލޭޑެޓް ކުންފުނިތަކަކަށް ހަދާފައިވާ ޓްރާންސްފާތަކަކީ އެ ކުންފުނިތަކުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއަށް ގަނެފައިވާ ތަކެއްޗާއި ޚިދުމަތަށް އަދާކޮށްފައިވާ އަގު،" ރަނގަޅު ގޮތަކީ އެއީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެ އޮޅުން އެރީ "ވިލާ ކުންފުންޏާއި ޔުނިވާސަލް ކުންފުންޏަށް އެމްއެމްޕީއާރްސީގެ އެކައުންޓުން ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ދެންނެވިފައި ވަނީ އެ ކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތަކުގައި އިސްވެ ދެންނެވި ކުންފުނިތަކާއި ރިލޭޓެޑް ކުންފުނިތަކަކަށް ޓްރާންސްފާ ކުރެވިފައިވާ ފައިސާގެ ތަފްސީލު ދިނުމުގައި އެސްއޯއެފް ޕްރައިވެޓް ލިމިޑެޓްގެ ޑިރެކްޓަރަކު ދީފައިވާ މަޢުލޫމާތުގައި ޙަގީގަތާ ޚިލާފު ގޮތަކަށް އޮޅުންއަރާ ގޮތަށް އެ ފައިސާގެ ތަފްސީލު ދީފައިވާތީ" ކަމަށެވެ.

ނަމަވެސް ޔުނިވަސަލް އާއި ވިލާ ޝިޕިންގެ ފަރާތުން އެސްއޯއެފް އިން ދީފައިވާ މަޢުލޫމާތަށް އިންކާރުކުރުމުން އިތުރަށް ސާފުކުރުމުން "މިހާރު އެ ކުންފުނިން މަޢުލޫމާތު ދީފައި ވަނީ ވިލާއާއި ޔުނިވާސަލްގެ ރިލޭޑެޓް ކުންފުނިތަކަކަށް ހަދާފައިވާ ޓްރާންސްފާތަކަކީ އެކުންފުނިތަކުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއަށް ގަނެފައިވާ ތަކެއްޗާއި ޚިދުމަތަށް އަދާކޮށްފައިވާ އަގުކަމަށެވެ."

"ވީމާ އިސްވެ ހާމަކޮށްފައިވާ މަޢުލޫމާތު އިސްލާޙުކޮށް، ހަގީގަތް ހާމަކުރުމުގެ ގޮތުން މިވާހަކަ ދެންނެވީމެވެ." އަދި ވިދާޅުވި އެވެ. "އަދި މަޢުލޫމާތުގައި ހުރި މި އޮޅުމަށް ޓަކައި އެ މަޢުލޫމާތު ރައްދުވާ ފަރާތްތަކުގެ ކިބައިން ނިހާތަށް މަޢާފަށްއެދެމެވެ." ސުއޫދު ވިދާޅުވި އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި އެމްއެމްޕީއާރްސީ އަށް ވަންނަން ޖެހޭ 79 މިލިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) އަށް ދައުލަތުގެ ބައެއް ބޮޑުން ވަނީ ހިޔާނާތްތެރިވެފަ އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް އިންނާއި ވިލާ ޝިޕިންގުން ބުނީ ހޮނިހިރު ދުވަހު ރާއްޖެ ޓީވީ އިން ޓެލެކާސްޓްކޮށް އަދި ވެބްސައިޓްގައި ޝާއިރު ކުރި ހަބަރެއްގައި އެސްއޯއެފް ކުންފުންޏާއި ގާނޫނީ ވަކީލު ޙުސްނު ސުޢޫދު ޔުނިވާރަސަލް އާއި ވިލާ ކުންފުނީގެ ނަން ކިލަނބުވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.