09 Feb 2016, 13:05
ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދޫކޮށްލައި މަޝްވަރާތައް އަލުން ފެށުމަށް ޔޫރަޕިއަން ޕާލަމެންޓުން ގޮވާލައިފި އެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ވަފުދުގެ ރައީސް ޖީން ލަމްބާޓް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބާއްވާ އިރު ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި އިހުތިޔާރުކޮށްފައިވާ ލީޑަރުންނަށް ބައިވެރި ވެވޭނެ މަގު ފަހި ކުރުމަށް ޔޫރަޕުން ގޮވާލާ ކަމަށެވެ.
"...މަޝްވަރާތައް ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިބެން ޖެހޭ ނަމަ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް ފާޑުކިއުމާއި ހިޔާލުފާޅުކުމުގެ މިނިވަންކަމާ ބެހޭ ގޮތުން ވެސް ރާއްޖޭގެ ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވާފައިވާނެ ކަމަށެވެ.
ވަފުދުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޕާލަމެންޓްގައި އިނގިރޭސިވިލާތް ތަމްސީލުކުރައްވާ މެމްބަރެއް ކަމަށްވާ ރިޗަޑް ކޯބެޓް ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދު ރާއްޖެ އަށް އައީ ވެސް ޑިމޮކްޓިކް ވެލިއުތައް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި އެންމެންގެ އަޑުވެސް އަހައި އެންމެންނާ ވެސް ވާހަކަ ދައްކަން އިހުލާސްތެރިކަމާ އެކު ބޭނުންވާކަން ހާމަކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވަކި ޕާޓީއަކަށް ޔޫރަޕުން ތާއީދު ނުކުރާ ކަމަށް ބައްދަލުވުންތަކުގައި ވަފުދުން ބުނެފައި ވާނެ ކަމަށެވެ.
"...އަހަރެމެން ބައްދަލުވުންތަކުގައި ވެސް ބުނެފައި ވާނެ. އަދި ޕަބްލިކްކޮށް ވެސް މިހާރު މިބުނަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއް ޕާޓީއަކަށް ނުވަތަ ވަކި އެއް ސިޔާސީ ލީޑަރަކަށް ޔޫރަޕުން ތާއީދެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.