09 Feb 2016, 14:55
ނ. ހޮޅުދޫ އަދި އެ އަތޮޅު ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ ދަތުރުފުޅުގައި ހޮޅުދޫ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ނިންމަވައިދެއްވާފަ އެވެ.
އަދި ކުޑަފަރީގައި ސަރުކާރުން ތަރައްގީކޮށްދިން ބަނދަރުވެސް ރައީސް ޔާމީން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ނ. އަތޮޅަކީ އެމަނިކުފާނަށް ހާއްސަ އަތޮޅެއް ކަމަށާއި ބަޖެޓުން ތަންދިން ވަރަކުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ އެކިއެކި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުންވަނީ ކުރީގައި ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސް މުޅިރާއްޖެ ތަރައްގީ ކުރުން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އަރިހުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ފަރާތްތައް ބައިވެރިވެވަޑައިގަތެވެ.