ރާއްޖޭގައި ކެންސަރުގެ ހާލަތު ދެނެގަތުމަށް ކެންސަރާބެހޭ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

އެ މަޝްވަރާ ބައްދަލުވުން ފެށުމަށް މިއަދު ހުޅުލޭ އައިލެންޑު ހޮޓެލް (އެޗްއައިއެޗް) ގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގައި ކެންސަރުގެ ދަފަތަރެއް އެކުލަވާލުމުގެ މަގުސަދަކީ ކެންސަރު ބަލި އިތުރުވާ މިންވަރު ދެނެގަނެ އެ ބަލި ޖެހޭ އުމުރުފުރާ ދެނެގަތުން ކަމަށެވެ.

"ކެންސަރު ރަޖިސްޓްރީއެއް އެކުލަވާލުމަކީ ރާއްޖޭގެ ކެންސަރުގެ ހާލަތު ދެނެގަނެ އަދި މި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފަސޭހަ ވެގެންދާނެ ކަމެއް..."، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުރު ރާސްތާއެއްގައި ކެންސަރު ބަލީގެ ދިރަސާތަކެއް ކުރެވި އެ ދިރާސާތަކުގެ އަލީގައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޕްރޮގުރާމްތަކެއް ހިންގަން ޖެހިފައިވާ ކަމަށެވެ.

"ކުރިމަގުގައި ކެންސަރު ބައްޔަށް ފަރުވާދޭނެ ނިޒާމުތަކެއް ހަމަޖައްސައި، މި ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް ދެވޭނެ އިތުރު ފަރުވާތަކެއް ބައްޓަންކޮށް އަދި އެކަމުގައި އެހީތެރިވެދިނުމަށް ކަންތައްތަކެއް ރާވަން ޖެހޭ..."، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިރިއުޅުމުގެ ވައްޓަފާޅިއާ ކެންސަރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އެހެންކަމުން ކެންސަރު ޖެހުމަށް މެދުވެރިވާ އަމަލުތަކުން ދުރުހެލިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބާރު އަޅާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކެންސަރާބެހޭ ދަފްތަރެއް އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މަދުރް ވިދާޅުވީ، އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ދެ ބާވަތުގެ ކެންސަރު ކަމަށެވެ.

އަދި ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ ފުއްޕާމޭގެ ކެންސަރާއި އަނގައިގެ ކެންސަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނަ އިތުރަށް ވިދާޅުވީ، ސައުތު އީސްޓު އޭޝިއާ ސަރަހައްދުގައި 1.1 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވާ ކަމަށެވެ.

ކެންސަރުގެ ދަފްތަރެއް އެކުލަވާލުމަށް މިއަދު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގައި ކަމާގުޅޭ 22 އޯގަނައިޒޭޝަނަކުން 28 ފަރާތަކުން ބައިވެރި ވެއެވެ.

އެ ބައްދަލުވުމުގައި ކެންސަރުގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މައުލޫމަތު ހިއްސާކޮށް މަޝްވަރާ ކުރެވޭނެއެވެ.