ލ. ދަނބިދޫގައި ގެއްލިގެން ހޯދަމުންދިޔަ ތިން އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި ހަބަރު ހުސްވެފައި އޮއްވާ ފެނިއްޖެ އެވެ.
ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހް، ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރެއްހާއިރު މޫދުން ފެނުނު ކުއްޖަކީ، އެރަށު ހީނާމާގޭ ފާތުމަތު ވިޝާމާ ކަމަށާއި އެކުއްޖާ ފެނުމުން މިހާރު އެ އަތޮޅު ގަމު ހޮސްޕިޓަލުގައި ފާރުވާ ދެމުން އަންނަ ކަމަށެވެ.

"އެކުއްޖާ ޖެޓީއަށް ދިޔައީ އޭނާއަށްވުރެ ވެސް ކުޑަ ކުއްޖައާއެކުގައި ކަމަށް ވަނީ. އެކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ އެއްވެސް ހަރަކާތެއްނެތި ހަބަރު ހުސްވެ މޫދުތެރޭ ފެންމަތީގައި އޮއްވައި،" ޝާހު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މޫދުން ނަގައިގެން ފުރަތަމަ ފަރުވާދިނީ ދަނބިދޫ ސިއްހީ މަރުކަޒުން ކަމަށެވެ. ޝާހު ވިދާޅުވީ ވިސާމާ ގަމަށް ގެންދިޔައީ ހާލު ރަނގަޅުވަމުން އައިސް ރޭގެ ވަގުތެއްގައި ހާލުދެރަވުމުން ކަމަށެވެ. ނަމަވެސް ވިސާމާ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.