ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުނިންމާ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށް މިހާރު ރާއްޖެ އަށް އައިސް ތިބި ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދުން ބުނެފި އެވެ.

ރާއްޖެ އަށް ކުރި ދަތުރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވަފުދުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޕާލަމެންޓްގައި އިނގިރޭސިވިލާތް ތަމްސީލުކުރައްވާ މެމްބަރެއްކަމަށްވާ ރިޗަޑް ކޯބެޓް ވިދާޅުވީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"... ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އަހަރެމެން ބޭނުމެއް ނުވޭ. މިދިޔަ އަހަރު ފާސްކުރި ފުރަތަމަ ގަރާރުގައި އެކަންތައްތަކެއް ނޯންނާނެ. އެކަންތައްތައް އޮންނާނީ ދެވަނައަށް ފާސްކުރި ގަރާރުގައި. އަދި މިހަފުތާގައި އަހަރެމެން ރާއްޖެ އަށް އައިސް މިތިބީ. އަހަރެމެން ހުރިހާ ޕާޓީތަކަކާ ވާހަކަ ދައްކައި އެމީހުންގެ އަޑު އަހައިފިން. އަހަރެމެން ފުރިހަމަ އެސެސްމެންޓެއް ހަދައިފިން. އަދި އަހަރެމެން އެނބުރި ބުރަސުލްސްއަށް ގޮސް ހުރިހާ ގޮތްތަކަކަށް ވެސް ވިސްނާނަން. އެގޮތްތަކަށް ވިސްނުން ހުއްޓުމަކަށް އަންނަ ގޮތަށް ރާއްޖޭގައި ޑިމޮކްރެޓިކް ޑިވެލޮޕްމެންޓެއް އަންނާނެ ކަމަށް އަހަރެމެން އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

ރިޗާޑް ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދު ރާއްޖެއަށް އައީ ވެސް ޑިމޮކްޓިކް ވެލިއުތައް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި އެންމެންގެ އަޑުވެސް އަހައި އެންމެންނާ ވެސް ވާހަކަ ދައްކަން އިހުލާސްތެރިކަމާ އެކު ބޭނުންވާކަން ހާމަކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވަކި ޕާޓީއަކަށް ޔޫރަޕުން ތާއީދު ނުކުރާ ކަމަށް ބައްދަލުވުންތަކުގައި ވަފުދުން ވިދާޅުވެފައި ވާނެ ކަމަށެވެ.

"...އަހަރެމެން ބައްދަލުވުންތަކުގައި ވެސް ބުނެފައި ވާނެ. އަދި ޕަބްލިކްކޮށް ވެސް މިހާރު މިބުނަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއް ޕާޓީއަކަށް ނުވަތަ ވަކި އެއް ސިޔާސީ ލީޑަރަކަށް ޔޫރަޕުން ތާއީދެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ވަފުދުގެ ރައީސް ޖީން ލަމްބާޓް ވިދާޅުވީ ރާއްޖޭގެ ހުރިހާ ފަރާތްތަކުން ވެސް ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ތިއްބެވީ ވަރަށް އޯޕަންކޮށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެންވަޔަރްމެންޓް މިނިސްޓަރާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސިވިލް ސޮސައިޓީތަކާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.