09 Feb 2016, 12:33
ކަތަމަންޑޫ (ފެބްރުއަރީ 9): ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އަދި ނެޕާލީ ކޮންގްރެސް ޕާޓީގެ ރައީސް، ސުޝިލް ކޮއިރަލާ މިއަދު އަވަހާރަވެއްޖެ އެވެ.
ދިހައެއް ފެބްރުއަރީ 2014ގައި ނޭޕާލްގެ ބޮޑުވަޒީރު ކަމަށް ހޮވުނު ކޮއިރަލާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކޮއިރަލާ އިސްތިއުފާ ދެއްވީ ނޭޕާލްގެ އާގާނޫނު އަސާސީއާ ގުޅިގެން އެގައުމުގެ ބައެއް ރައްޔިތުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އެއްވުންތައް ބާއްވައި، ނޭޕާލާ އިންޑިއާއާ ދެމެދު އޮންނަ ބޯޑަރުގެ ބައެއް ސަރަހައްދުތަށް ބަންދު ކުރުމުގެ ފަހުންނެވެ.
ނޭވާ ލުމުގެ ނިޒާމަށް ޖެހޭ ބައްޔެއްގެ ސަބަބުން އިންޑިއާއަށް އުފަން ކޮއިރަލާ އަވަހާރަވީ އުމުރުން 76 އަހަރުގަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ ވަނީ ކޮއިރަލާގެ އަވަހާރަވުމަކީ "އިންޑިއާއަށް އަގުހުރި ރަހްމަތްތެރިއެއް ގެއްލުން" ކަމަށް ވިދާޅުވެފަ އެވެ. (އޭޕީ)