09 Feb 2016, 12:40
ޗައިނާ އިން މި އަހަރު ޗުއްޓީ ހޭދަކުރުމަށް ދަތުރު ކުރާ ހަ މިލިއަން މީހުންގެ ތެރެއިން ބައި މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ފޫކާން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ރޭ ކ.މާފުށީގައި އޮތް ގާލާ ޑިނާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސަފީރު ވިދާޅުވީ ޗައިނާގެ ހަ މިލިއަނެއްހާ ފަތުރުވެރިން މި އަހަރުގެ ތެރޭގައި އެކި ކަންކޮޅުތަކަށް ދަތުރު ކުރާނެ ކަމަށެވެ.
އަދި އޭގެ ތެރެއިން 500،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ޗައިނާގެ ހަތަރު ލައްކަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ސަފީރު ވާހަކަދައްކަވާފައިވާ އިރު، ވީހާ ވެސް ގިނަ ފަރާތްތަކަކުން ރާއްޖެ އައުމަށް ސަފީރު ވަނީ އެދިވަޑައިގެންފަ އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.