އުކާލުމަށް ގެންދާ، އިމާރާތް ކުރުމުގެ މަސައްކަތުގައި އުފެދޭ (ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން) ކުނިން، އަންނަ ހޯމަ ދުވަހުން ފެށިގެން ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ހަމަތަކެއްގެ މަތިން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އުފުލިތައް ހުންނަ އެމްޕީއެލް ސަރަހައްދަށް (މީރުބަހުރު ބަނދަރުން ވަންނަ ގޮތަށް) ޕިކަޕް އަދި ލޮރީގައި ގެންދާ، އިމާރާތް ކުރުމުގެ މަސައްކަތުގައި އުފެދޭ ކުނިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފީ ނަގާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެމްކޯ އިން ބުނީ ފީ ނެގޭނީ ކުނި ގެންދާ ޕިކަޕް އަދި ލޮރީގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުން ކަމަށެވެ.

ވެމްކޯ އިން އަންނަނީ އެންމެ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލާނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.