09 Feb 2016, 11:15
ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ހަ މަސް ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހި އޭނާއަށް މި ސީޒަން ނިމިއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގެ ކުރީ ކޮޅުގައި ޒޫމާއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
އުމުރުން 21 އަހަރުގެ ފްރާންސް ޑިފެންޑަރު ޒޫމާގެ އަނިޔާއާ ގުޅިގެން ހެދި ޓެސްޓުތަކަށްފަހު، ޗެލްސީން ބުނީ އޭނާގެ ކަނާތު ފައިގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށާއި، އަދި މިހަފްތާ ތެރޭގައި ސާޖަރީ އެއް ހަދާނެ ކަމަށެވެ.
އެ އަނިޔާއާ ގުޅިގެން ފްރާންސްގެ ގައުމީ ޓީމްގައި ވެސް ހިމެނޭ ޒުވާން ޑިފެންޑަރަށް މި ސީޒަން ނިމިފައިވާއިރު މިއަހަރު ފްރާންސްގައި ބާއްވާ ޔޫރޯގައި ވެސް ޒޫމާއަށް ނުކުޅޭވެނެއެވެ.
އޭނާ ވަނީ މި ސީޒަނުގައި ޗެލްސީއަށް 32 މެޗު ކުޅެދީ، ގޫސް ހިޑިންކް ކޯޗުކަމާއި ހަވާލުވި ފަހުން ބަލިނުވެ އެ ޓީމް ހަދަމުންދާ ރެކޯޑްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.