އޮޓަވާ (ފެބްރުއަރީ 9): އައިއެސް އިން ހިފާފައި ހުންނަ ސީރިޔާއާއި އިރާގުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާދިނުން މި މަހުގެ 22 ވަނަ ދުވަހުގެ ފަހުން ހުއްޓާލާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.

ކެނެޑާގެ ވެރިރަށް އޮޓަވާގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ ހަމައެކަނި ވައިގެ ހަމަލާތައް ދީގެން މުޖުތަމައަށް ހަމަޖެހުން ނުދެވޭނެ ކަމަށެވެ.

"ވައިގެ ހަމަލާތަކުގެ ސަބަބުން ލިބޭ އަސްކަރީ އަދި ސަރަހައްދީ ފައިދާތައް ދެމިއޮންނާނީ ކުޑަ ދުވަސްކޮޅަކަށް، އޭގެ ސަބަބުން ދިގު މުއްދަތަކަށް ދެމިއޮންނާނެ އިޖުތިމާއީ ހަމަޖެހުން އާއްމުންނަށް ނުލިބޭނެ،" ޓްރޫޑޯ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވި ޓްރޫޑޯ ވަނީ ސީރިޔާގައި މިހާރު ހަރަކާތްތެރި ވަމުންދާ ކެނެޑާގެ ހަ ފައިޓާ ޖެޓް އަނބުރާ ގައުމަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ސާވެއިލެންސަށް ހާއްސަ ދެޖެޓް ސީރިޔާގައި ހަރަކާތްތެރި ވަމުންދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި އައިއެސްއާ ދެކޮޅަށް ސީރިޔާއާއި އިރާގުގައި ހަނގުރާމަ ކުރަމުންދާ އާއްމުން ތަމްރީނު ކުރާ ކެނެޑާގެ ސިފައިން އިތުރު ކުރާނެ ކަމަށްވެސް ޓްރޫޑޯ ވިދާޅުވި އެވެ.

ކެނެޑާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ "އެއީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކެނެޑާއިން ފަހަތަށް ޖެހުން" ކަމަށް ބުނެ ބޮޑުވަޒީރަށް ފާޑު ކިޔައިފަ އެވެ. (ބީބީސީ)