އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބާއްވަން ނިންމާފައި މިވަނީ ދެ ހަފްތާގެ މެދު ކެނޑުމަކަށް ފަހު އެވެ.

އިމްރާންގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، މާދަމާ މެންދުރު 13:00 ގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެކަން ކޯޓުން އަންގާފައިވާ ކަމަށެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ، މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

ނަމަވެސް އެކަންކަމަށް އިމްރާން ވަނީ އިންކާރު ކުރައްވައިފަ އެވެ. އިމްރާން ވިދާޅުވެފައި ވަނީ އަނިޔާވެރި ކަމަށް ހިތްވަރުލިބޭ ގޮތަށް އޭނާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އޭނާ އަކީ އަނިޔާވެރިކަމާ ދެކޮޅު މީހެއް ކަމަށެވެ.

މައްސަލައިގައި ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަސް އިއްވާފަ އެވެ. އަދި ދިފާއީ ހެކިން ހުށަހެޅުމަށް ކުރިން އިމްރާންގެ ފަރާތުން ކޯޓުގައި އެދިފައި ނުވާތީ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ވެސް ވަނީ ނިންމާފަ އެވެ.

މާދަމާގެ ޝަރީއަތުގައި އޮންނާނީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން ވީޑިއޯ އެނަލިސިސް ރިޕޯޓު ހުށަހެޅުން ކަމަށް ބެލެވެ އެވެ. މައްސަލައާ ގުޅިގެން ޝަރީއަތުގެ ބޭނުމަށް މީހަކު ހާޒިރު ކުރާނެ ކަމަށާއި އެ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށް ވެސް އަދި އިމްރާންގެ ވަކީލުންނަށް ވެސް ލިބޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ ވިދާޅުވެފަ އެވެ.

ޝަރީއަތް ނިމެންދެން އިމްރާން ގޭ ބަންދުގައި ބަހައްޓަން ކޯޓުން ކުރިން ނިންމާފައި ވީނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ އަލުން ޖަލަށް ބަދަލުކޮށްފަ އެވެ.