ލ. އަތޮޅު އަތޮޅުގެ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެތަނުގެ ބައެއް ކޮޓަރިތައް އަދިވެސް އަތޮޅު ކައުންސިލް ބެމްބަރުން ބޭނުންކުރަން ނުލިބޭ ކަމަށް އެއަތޮޅު އަތޮޅު ކައުންސިލުން މިއަދު ބުނެފިއެވެ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރު އަދި އިސްދޫ ދާއިރާގެ މެމްބަރު އިބުރާހީމް ހަމީދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރީ އަތޮޅުގޭގެ ބައެއް ކޮޓަރިތައް އެކަނި ކަމަށާއި އެހެންވެ ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ގައުމީ އިދާރާގެ ގޮތްޕެއް ގާއިމް ކުރުމަށް ކަމަށް ބުނެ ގެންގޮސްފައިވާ އަތޮޅުގޭގެ ސިޓިން ރޫމް ބައިގެ ތަޅުދަނޑި އަދިވެސް އަތޮޅު ކައުންސިލާ ހަވާލުކޮށްފައި ނުވާކަމަށާއި ބައެއް ކޮޓަރި ތަކުގެ ތަޅުދަނޑިތައް ވެސް ނުލިބޭ ކަމަށެވެ.

" އަތޮޅު ގޭގަ އެބަހުރި އަތޮޅު ކައުންސިލްގެ ކޮންމެ މެމްބަރަކަށް ކޮޓަރިއެއް ހަމަވާ ވަރަށް ކޮޓަރި، އެކަމަކު ބައެއް ކޮޓަރި ނުލިބޭތީ އިސްދޫ ދާއިރާގެ ދެމެމްބަރުންނާ ގަމު ދާއިރާގެ ދެމެމްބަރުން ގެންދަވަނީ އެއްކޮޓަރި ހިއްސާ ކުރައްވަމުން، އެހެންވެ ވަރަށް ދަތިވޭ" ހަމީދު ވިދާޅުވިއެވެ.

އަތޮޅުގޭގެ ސިޓިންރޫމަށް ގައުމީ އިދާރާގެ އޮފީސް ގާއިމް ކުރުމަށް ވެއްދި ގޮނޑިއާއި މޭޒު ފަދަ ތަކެތި އެތަނުން ނެރެފައިވާ ކަމަށް ބުންޏަސް އެތަނުން އެތަކެތި ނެރުންކަން ނުވަތަ ނޫން ކަމެއް އެތަނަށް ވެދެވަޑައި ނުގެންނެވޭތީ އެނގި ވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.