ހޮލީވުޑް "އޭ" ލިސްޓާ އެކްޓްރެސް އެއް ކަމަށްވާ މޭގަން ފޮކްސް ކުޑަ ސްކްރީން ކޮމެޑީ ސީރީޒް "ނިއު ގާލް"ގައި ގެސްޓު ތަރިއެއްގެ ގޮތުގައި ފެންނާނެ ކަމަށް ޝޯ ދައްކާ ޗެނަލް "ފޮކްސް" އިން ބުނެފި އެވެ.

ފޮކްސް އަކީ ހޮލީވުޑްގެ އަގުބޮޑު ފިލްމުތަކުގައި މުހިއްމު ރޯލުތަކަކުން ފެނިގެންދާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް އެކެވެ.

ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި ނިއު ގާލް އިން ފޮކްސް ފެނިގެންދާނީ "ރޭގަން" ނަމަކަށް ކެރެކްޓަރެއްގެ ރޯލުންނެވެ. އޭނާއަކީ ސީރިއަސް މޫޑެއްގެ ފާމަސޫޓިކަލް ސޭލްސް ރިޕްރެޒެންޓޭޓިވްއެކެވެ.

އޭނާ ސީރީޒް އަށް ގެނައުމަށް ނިންމާފައި ވަނީ ސީރީޒްގެ ލީޑް ކެރެކްޓަރު ޖެސް ހާއްސަ ޑިއުޓީއަކަށް ގެއިން ނުކުމެގެން ދިޔުމުންނެވެ. ހަގީގަތުގައި އޭނާ ސީރީޒް އިން ދުރަށް ގޮސްފައިވަނީ ޖެސްގެ ރޯލު ކުޅޭ ޒޯއީ ޑެޝާނަލް މެޓާނިޓީ ލީވް ނަގައިގެންނެވެ.

މިރޭ ނިއުގާލްގެ އާ އެޕިސޯޑު ދައްކަން ހަމަޖެހިފައިވާ އިރު މިރޭގެ އެޕިސޯޑުން ފެށިގެން ފޮކްސް ފެންނާނެ އެވެ. ގެސްޓު ތަރިއެއްގެ ގޮތުގައި އޭނާ އައިސްފައިވާއިރު ކުރިއަށް އޮތް ފަސް އެޕިސޯޑުން އޭނާ ފެނިގެންދާނެ އެވެ.

ފޮކްސް އަކީ ކުޑަ ސްކްރީނަށް އާ ތަރިއެއް ނޫނެވެ. އެގޮތުން އެންމެ ފުރަތަމަ ކުޑަ ސްކްރީނުން އޭނާ ފެނިފައިވަނީ ކޮމެޑީ ސީރީޒްތައް ކަމަށްވާ "ވަަޓް އައި ލައިކް އަބައުޓް ޔޫ" އާއި "ޓޫ އެންޑް އަ ހާފް މެން" އިންނެވެ.