09 Feb 2016, 11:02
އަގީގާއާއި ޞަދަގާތުގެ ގޮތުގައި ބަކަރި ކަތިލަން ބޭނުންވާ ފަރާތްތަކަށް މިއަހަރު ހަ ފަހަރު އެފުރުސަތު ދެވިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޔާމީން އިދުރީސް މިއަދު ސަން އަށް ވިދާޅުވީ، މިއަހަރު ކޮންމެ ދުވަހަކަށް ބަހާލައިގެން އަގީގާއާއި ޞަދަގާތަށް ބަކަރި ކަތިލުމަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތަށް ފައިސާ ދައްކާ ފަރާތްތަކަށް މިއަހަރު ހަ ފަހަރެއްގެ މަތިން އަގީގާއާއި ޞަދަގާތުގެ ގޮތުގައި ބަކަރި ކަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަގީގާ މިހާރު މިއޮންނަނީ ބޭނުން އިރަކު ކޮންމެ ބޭފުޅަކަށްވެސް ފައިސާ ދެއްކޭގޮތަށް. އެހެންނަމަވެސް އޭގަ ކަތިލުމުގެ ކަންތައް ކުރިއަށްދާނީ އަޅުގަނޑުމެންގެ އުމްރާ ދަތުރުތަކުގެ ތެރޭގައި،" ޔާމީން ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންއިން މައްކާގައި އަގީގާ ކަތިލައިދެނީ ފިރިހެން ކުއްޖަކަށް 4626 ރުފިޔާއަށް އަދި އަންހެންކުއްޖަކަށް 2313 ރުފިޔާ އަށެވެ.
އޭނާ ވިދާޅުވީ، އެކުންފުނި މެދުވެރިކޮށް އަގީގާ ކަތިލާ ފަރާތްތަކަށް އެކަންކުރިކަމުގެ ހާއްސަ ލިޔުމެއްވެސް ދެވިގެންދާނެ ކަމަށެވެ.