އިންޑިއާގެ ގުވަހަތީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯލް ފައިނަލް މެޗްގައި ރެފްރީއަކަށް ރާއްޖޭގެ ރެފްރީ އަހްމަދު ސަލީމް (ކުނޑި ސަލީމް) ހަމަޖައްސައިފިއެވެ.

އިންޑިއާއާ ޝްރީލަންކާ މިއަދު ކުޅޭ ފައިނަލް މެޗްގެ ރެފްރީކަމަށް ހަމަޖެހުމާ ގުޅިގެން 'ސަން' އާ ވަހަކަ ދައްކަމުން ކުނޑި އަހްމަދު ބުނީ، ސަރަހައްދުގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލް މެޗްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށެވެ.

ނަވާރަސްތޭކަ ނުވަދިހަ ހަވަނަ އަހަރު ވޮލީ ރެފްރީކަން ކުރަން ފެށި ކުނޑި އަޙްމަދު ވަނީ ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުގައި ރެފްރީ ކަންކޮށްފައެވެ.

ސަލީމް ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗްތަކުގައިވެސް ރެފްރީކަން ކޮށްފައެވެ.

މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގެ ފައިނަލް މެޗްގެ ރެފްރީކަން އޭނާ ކުރާ ފުރަތަމަ ފަހަރެވެ.

އެގޮތުން 2014 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި އޭޝިއަން ގޭމްސްގެ ބައެއް މެޗްތަކުގައިވެސް އޭނާ ރެފްރީކަން ކޮށްފައިވެއެވެ. އަދި އެކި އަންޑައޭޖް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާވަނީ މެޗްތަކަށް އިންސާފް ކޮށްފައެވެ.