ނިއުދިއްލީ (ފެބްރުއަރީ 9):އިންޑިއާގެ ކަޝްމީރުގައި އޮންނަ ސިއެޗަން ގްލެސިއާއަށް އައި އެވަލާންޗެއްގައި ސްނޯގެ ދަށުގައި ވަޅުލެވުނު ސިފައިންގެ މީހަކު ހަ ދުވަސް ފަހުން ދިރިއޮއްވައި ސަލާމަތްކޮށްފި އެވެ.

އިންޑިއާ އަސްކަރިއްޔާގެ ލާންސް ނައިކް ހަނަމަންތައްޕާ ދިރިއޮއްވައި ސަލާމަތް ކުރެވެނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ސިއެޗަންއަށް އައި އެވަލާންޗުގެ ދަށުގައި ވަޅުލެވުނު 10 ފުލުހުން ސަލާމަތް ކުރުމުގެ އުއްމީދު އިންޑިއާގެ އަސްކަރިއްޔާއިން ކަނޑާލާފައިވާ އޮއްވައެވެ.

ގާތްގަނޑަކަށް އަށް މީޓަރު ސްނޯގެ އަޑީގައި ހަ ދުވަސް ހޭދަ ކުރުމުގެ ސަބަބުން ހަނަމަންތައްޕާގެ ހާލު ވަރަށް ސީރިއަސް ވެފައިވާ ކަމަށާއި މިހާރު ދިއްލީގައި ހުންނަ އަސްކަރިއްޔާއަށް ހާއްސަ އާރްއާރް ހޮސްޕިޓަލަށް އޭނާ ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ހަނަމަންތައްޕާގެ އިތުރުން ހަތަރު ސިފައިންގެ މީހެއްގެ ހަށިގަނޑުވެސް ފެނިގައިވާ ކަމަށް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، ބާކީ ފަސް ސިފައިންނަށް ވީގޮތެއް އަދި ހޯދިފައި ނުވާ ކަމަށްވެސް އެފަރާތްތަކުން ބުނެ އެވެ. (އޭޕީ)