އިސްލާމް އާބާދު (ފެބްރުއަރީ 9) :މިދޔަ ޖަނަވަރީމަހު އިންޑިޔާގެ ޕަންޖާބުގައިވާ ވައިގެ ބޭހަށް ދިން ޓެރަރިސްޓް ހަމަލާތަކާ ޕާކިސްތާނުގެ ލަޝްކަރޭ މުހައްމަދު ޖަމާއަތާ އެއްވެސް ގުޅުމެއްނުވާކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވީ، ޕަންޖާބުގައިވާ އިންޑިޔާ ސިފައިންގެ ބަތަންކޮޓް ވައިގެ ބޭހަށް ދިން ޓެރަރިސްޓް ހަމަލާއާ ލަޝްކަރޭ މުހައްމަދު ޖަމާއަތާ ގުޅުންވާކަމުގެ އެއްވެސް ހެއްކެތް މިކަމާބެހޭގޮތުން ކުރި ތަހްގީގްތަކުން ފެންނަންނެތް ކަމުގައެވެ. މި ތަހްގީގްތަކުގައި ލަޝްކަރޭ މުހައްމަދު ޖަމާއަތުގެ ކޭންޕުތަކާއި މަރުކަޒުތައްވެސް ބަލައި ފާސްކޮށްފައިވާނެކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވި އެވެ. މި ތަހްގީގްތައް ކުރިޔަށްގެންދިޔައީ މިކަމަށްޓަކައި އެކުލަވާލި ޚާއްސަ ކޮމިޓީއަކުންނެވެ.

ބަތަންކޮޓް ވައިގެ ބޭހަށް ދިން ޙަމަލާތަކުގައި އިންޑިޔާ ސިފައިންގެ ހަތް މީހުން މަރުވެފައިވެއެވެ.

މި ޙަމަލާއާ ގުޅިގެން އިންޑިޔާގެ ރުޅިވެރިކަން ޕާކިސްތާނަށް އަމާޒުވެފައިވާއިރު އަދި ދެގައުމުގެ ބޮޑުވަޒީރުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތްއޮތުން ވެސް ވަނީ މިކަމުގެ ސަބަބުން ލަސްވެފައެވެ. މި ހަމަލާދިން ކަމުގެ ތުހުމަތު އިންޑިޔާއިން ކޮށްފައިވަނީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ލަޝްކަރޭ މުހައްމަދުގެ މައްޗަށެވެ. މި ތުހުމަތުތަކާއެކު އިންޑިޔާއިން ވަނީ އެޖަމާއަތުގެ އިސްވެރިން ހައްޔަރުކުރުމަށްވެސް ޕާކިސްތާނުގެ ކިބައިން އެދިފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އިންޑިޔާގެ ގޮވާލުމަށް ހައްޔަރުކުރި އެޖަމާއަތުގެ އިސް ބައެއް މީހުން ވަރަށް އަވަހަށް މިނިވަންކޮށްފައެވެ. މިއާއެކު ޕާކިސްތާނުން ކުރިޔަށް ގެންދިޔައީ އިންޑިޔާގެ ތުހުމަތުތައް ތެދުތޯ ބެލުމުގެ ތަހްގީގެވެ.
މިތަހްގީގުގެ ނަތީޖާ އިންޑިޔާއިން ގަބޫލުކުރާނެކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

ބަތަންކޮޓް ވައިގެ ބޭހަށް ދިން ޓެރަރިސްޓް ހަމަލާއާ ލަޝްކަރޭ މުހައްމަދު ޖަމާއަތާ އިންޑިޔާއިން ގުޅުވި ސަބަބެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ އިންޑިޔާއާ އިދިކޮޅު ޖަމާއަތްތަކެކެވެ. މިޖަމާއަތްތައް އިންޑިޔާއާ އިދިކޮޅުވަނީ ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އެސަރަހައްދުގެ މިނިވަންކަން ކަނޑައެޅުމަށް އދ. ން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރަން އިންޑިޔާ ދެކޮޅު ހަދަމުން ގެންދިޔުމުގެ ސަބަބުންނާއި މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް އިންޑިޔާއިން ސިފަކޮށް އެޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި އަމަލުތައް އިންޑިޔާއިން ހިންގަމުން ގެންދާތީ އެވެ.

އިންޑިޔާއަކީ އެގައުމުގެ އަތްދަށުގައި ކަޝްމީރު ބާއްވަން މަސައްކަތް ކުރަމުން ގެންދާ ގައުމެކެވެ.

މަސްދަރު:ރޮއިޓާސް