ރެއާލްމެޑްރިޑްގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ކުލަބުގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

ސްޕެއިންގެ މާސާ ނޫހުން، ލަލީގާގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށްދޭ 'ޕިޗިޗީ' އެވޯޑް ހާސިލް ކުރުމަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރޮނާލްޑޯ ބުނީ، ރެއާލްގައި އޭނާ އަދި ދެ އަހަރު މަޑުކުރާނެ ކަމަށާއި އެ ކްލަބާ އެކު ހޭދަކުރަނީ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

"އަހަރެން ބޭނުން އަދި ދެ އަހަރު ރެއާލްގައި މަޑު ކުރަން. އެ ދެ އަހަރަކީ އަހަރެން ރެއާލްއާއެކު ހަދާފައިވާ އެއްބަސް ވުން ނިމޭ މުއްދަތު ވީމަ. ދެން ބަލަމާ މުސްތަގްބަލްގައި ވާނެ ގޮތަކާއި މެދު،" ރޮނާލްޑޯ ބުންޏެވެ.

ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރު ފަހުން ހަމަވީ ނަމަވެސް އޭނާ އެކުލަބު ދޫކޮށްލާނެކަން އަދި ޔަގީންވެފައި ނުވާއިރު އޭނާ އަންނަނީ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީއާ ވެސް ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

"ޕްރިމިއާ ލީގްގައި ވެސް އަހަރެން ކުޅުނިން އެކަމަކު އަހަރެންނަށް ހަމަ އެންމެ ކަމުދަނީ ސްޕެނިޝް ލީގް. ވަރަށް ވާދަވެރި ހަމަ އެހެންމެ ވަރަށް މޮޅެތި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް މި ލީގުގައި ކުޅެމުންދޭ. މިއީ އަހަރެންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ރޮނާލްޑޯ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުން 31 އަހަރު ފުރިފައިވާ ރޮނާލްޑޯ 2008 ވަނަ އަހަރު އޭރުގެ ރިކޯޑް ފީ އެއްކަމަށްވާ 80 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅުނު ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅުނު 329 މެޗުގައި 343 ގޯލު ކާމިޔާބްކޮށްފައެވެ. އެއީ ދެވަނައަށް އެކުލަބަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ރައުލް ގޮންޒާލެސް އެ ކްލަބަށް ޖަހައިދީފައިވާ ގޯލަށް ވުރެ 20 ގޯލު އިތުރު އަދަދެކެވެ.