މާލެ ފިޔަވައި އެއްވެސް ރަށެއްގައި އަމިއްލަ ފަރާތްތަކުގެ ގޯތިގެދޮރުގައި ސިޔާސީ ހަރަކާތް ހިންގަމުންދާނަމަ އެ ބިމެއް އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ނެގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގާފައިވާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ އޮތޯރިޓީން ދޮގުކޮށްފި އެވެ.

އެލްޖީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުލިދައްކާ އުސޫލުން މާލެ ފިޔަވައި އެހެން ރަށަކުން ޕާޓީތަކަށް ބިން ދޫކުރުމަށް ގާނޫނުގައި ނެތް ކަމަށާއި ބިން ދޫކުރުމުގެ ގާނޫނުގައިވެސް ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރުމަށް ހިމެނިފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ސިޔާސީ ޕާޓީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލެއިން 1000 އަކަފޫޓުގެ ބިމެއް ނުވަތަ އިމާރާތުން ބައެއް ދައުލަތުން ހަމަޖައްސައިދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި ސިޔާސީ ހަރަކާތް ހިންގުމަށް ބިން ދޫކޮށްފައި ވާނަމަ، 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ބިން ރަށު ކައުންސިލްތަކަށް ނެގުމަށް އެލްޖީއޭ އިން ވަނީ މިދިޔަ ޑިސެމްބަރު މަހު ކައުންސިލްތަކަށް ސިޓީ އަކުން އަންގާފަ އެވެ.

އެލްޖީއޭ އިން ބުނީ، އާންމު ރައްޔިތުންގެ ގެއެއްގައި ސިޔާސީ ހަރަކާތް ހިންގަމުންދާނަމަ އެ ބިމެއް އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ނެގުމަށް އެ އޮތޯރިޓީން އަންގާފައިވާކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން ގެންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ދިރިއުޅުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އެފަދަ ބިންތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ނެގުމަށް މި އޮތޯރިޓީން އެއްވެސް ފަރާތަކަށް އަންގާފައެއް ނުވާނެ އެވެ." އެލްޖީއޭގެ ނޫސްބަޔާނުގައިވެ އެވެ.

އެލްޖީއޭއިން ބުނީ ބައެއް ކައުންސިލްތަކުން ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގެތަކުގައި ހިންގަމުން ދިޔަ ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ބިން ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށާއި މިހާރު އެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.