09 Feb 2016, 08:55
މަޝްހޫރު ފޮޓޯ ޝެއާރިންގ އެޕް އިންސްޓަގްރާމް އެޕްލިކޭޝަނުގައި، ގިނަ ވެގެން ފަސް އިންސްޓަގްރާމް އެކައުންޓަށް އެއްފަހަރާ ލޮގް-އިން ވެ، ބޭނުންކުރެވޭނެ ފީޗަރއެއް ދޫކޮށްފި އެވެ.
އިންސްޓަގްރާމަކީ، ފޯނު ނުވަތަ ސްމާޓް ޑިވައިސްގައި އެ އެޕްލިކޭޝަން އިންސްޓޯލް ކުރުމަށްފަހު، އެންމެ އެކައުންޓަކުން ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ. އެއް އެކައުންޓުން އިންސްޓަގްރާމަށް ލޮގް-އިން ވެ ހުރެ، އެހެން އެކައުންޓަކުން ލޮގް-އިން ވާން ބޭނުން ނަމަ ޖެހޭނީ ފުރަތަމަ އެކައުންޓުން ލޮގް-އައުޓް ވާށެވެ. މިކަން ވަނީ މާ ފަސޭހަ ކަމަކަށް ނޫނެވެ.
ފޭސްބުކް ކުންފުނިން ހިންގާ އިންސްޓަގްރާމުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، އިންސްޓަގްރާމުން އެންމެ އަވަހަށް ދެން ދޫކުރާނެ އަޕްޑޭޓް 7.15 ވާރޝަންގައި، ގިނަ އެކައުންޓްތަކަކުން އެއްފަހަރާ އިންސްޓަގްރާމަށް ލޮގް-އިން ކުރެވިފައި ބެހެއްޓޭނެ ކަމަށެވެ.
އެގޮތުން، ގިނަ ވެގެން ފަސް އެކައުންޓުގެ ލޮގް-އިން ޑީޓެއިލްސް ޖެހުމަށް ފަހު، އެޕްލިކޭޝަން ބޭނުންކޮށްގެން އެ އެކައުންޓްތަކުގެ މެދުގައި "ސްވިޗު" ކުރެވޭނެ ކަމަށް އިންސްޓަގްރާމުން ބުނެފައި ވެ އެވެ.
ނަމަވެސް މި ފީޗަރ ދޫކުރަނީ އިންސްޓަގްރާމް 7.15 ވާރޝަންއާއި އެކު، އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށެވެ.
މިކަން ވެގެން ދާނީ، އަމިއްލަ އިންސްޓަގްރާމެއްގެ އިތުރުން ކުންފުންޏެއް ނުވަތަ އިދާރާއެއްގެ އިންސްޓަގްރާމެއް ހިންގަން ޖެހޭ މީހުންނަށް ފަސޭހައެއް ގެނުވި ކަމަކަށެވެ.
"ގިނަ އެކައުންޓްތަކެއްގެ މައުލޫމާތު އެޕްއަށް ލައި ސޭވް ކުރުމުން، ބޭނުން ކުރަން ބޭނުންވާ އެކައުންޓް ސިލެކްޓް ކުރެވޭނެ އޮޕްޝަނެއް ފެންނާނެ. އަދި ސިލެކްޓް ކުރާ އެކައުންޓުން ދެން، އެ ފޯނަކުން ނުވަތަ ޑިވައިސަކުން އިންސްޓަގްރާމް ކުރެވޭނީ. ނަމަވެސް ބޭނުންކުރެވެނީ ކޮން އެކައުންޓެއް ކަން ހަނދާން ކޮށްދިނުމަށް އަބަދުވެސް އެއް ފަރާތެއްގައި އެކައުންޓްގެ ފޮޓޯ ފެންނާނެ،" އިންސްޓަގްރާމުގެ ބްލޮގުގައި ބުނެފައި ވެ އެވެ.
މިފަދަ ފީޗަރއެއް ޓްވިޓަރގައި މިހާރުވެސް އިންނަ އިރު، ފޭސްބުކްގައި ވެސް އަމިއްލަ އެކައުންޓުން އޮންލައިންވެ އެ އެކައުންޓްގެ ނަމުގައާއި، ތިމާގެ އެކައުންޓުން ހިންގާ ނުވަތަ އެޑްމިންކަން ކުރާ ޕޭޖުތަކުގެ ނަމުގައި ފޭސްބުކް ބޭނުން ކުރެވެ އެވެ.
މަސްދަރު:އިންސްޓަގްރާމް ބްލޮގު