21 Apr 2011, 16:10
ފިނޭންސް މިނިސްޓަރަކަށް ހުންވި އަލީ ހާސިމްއަށް މަޖިލީހުން ރުހުން ނުދިނުމުން ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވެ ގިނަދުވަސްތަކެއް ވެފައި ވަނިކޮށް އާ ފިނޭންސް މިނިސްޓަރަކަށް ޒުވާން އަހުމަދު އިނާޒް ވަނީ އައްޔަންކުރައްވާފަ އެވެ. އެހެން ކަމުން އިނާޒަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ވުޒާރާގެ މުގުލުގައި ހުންނެވި ބޭފުޅާ އެވެ. އިގްތިސޯދީ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހާސިލްކުރައްވާފައިވާ އިނާޒް އަކީ މިދިޔަ ސަރުކާރުގަ އާއި މި ސަރުކާރުގައި ވެސް އިގުތިސޯދީ މުހިންމު މަގަމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އިނާޒްގެ ވަޒީރު ކަމާއެކު ޑޮލަރު ރޭޓަށް ގެނައި ކުއްލި ބަދަލާއި އެކު ވާދަވެރި ސިޔާސީ ފަރާތްތަކުގެ ލޯ އެންމެ ބޮޑަށް އަމާޒުވާ އެއްބޭފުޅަކީ އިނާޒެވެ. ތިރީގައި މިވަނީ އިނާޒު ސަންގެ އަހުމަދު ނާއިފަށް ދެއްވި އިންޓަވިއުއެއްގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.
ޑޮލަރުގެ މައްސަލައިގެ ފެށުމަކީ ކޮބައިތޯ؟ އަދި ޑޮލަރުގެ މައްސަލަ މިއަދު މިއޮތް ހާލަތަށް ދިޔައީ ކޮންކޮން ސަބަބުތަކަކާއި ހުރެގެން ތޯ؟
ޖ: ޑޮލަރުގެ މައްސަލަ ރާއްޖޭގައި ފެއްޓުނީ 2005 ސުނާމީއަށް ފަހު. ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލެއްނެތި އަބަދުވެސް ބޮޑުވަމުން އައީ. އެހެން އޮއްވާ ރާއްޖޭގައި ޑޮލަރުގެ މައްސަލަ ދިމާވާންޖެހުނު އެންމެ ބޮޑު ސަބަބަކީ ޑެފިސިޓް ބަޖެޓެއްގައި ސަރުކާރުން އޮތުން. އެ ޑެފިސިޓް ފޫބައްދަމުން ގެންދިޔައީ ދިވެހި ފައިސާ ޗާޕްކުރަމުން. ފައިސާ ޗާޕްކުރާ ވަރަކަށް ދިވެހި ފައިސާ އިގްތިސޯދުގައި ދައުރުވާ މިންވަރު އިތުރުވެ ޑޮލަރު ލިބޭ މިންވަރަށް ވުރެ ދިވެހި ފައިސާ އިތުރުވަމުން އަންނަ މިންވަރުކުން ޑޮލަރު ފަހާ ގިނަ ދިވެހި ފައިސާ ދުވަންފެށުމުން ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ މައްސަލަ މި ނިކުންނަނީ. މިއަށް ބަލާއިރުގައި އަޅުގަނޑަށް ފެނުނީ ސުނާމީއަށް ފަހުގައި ބޮޑު ޑިމާންޑެއް އިތުރުވެގެން ދިޔަ. ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ފުޅާވި. ފުޅަލޭ މި ދަންނަވަނީ ރުފިޔާ ވަރަށް ބައިވަރު ޗާޕްކޮށްގެން ނެރުނު ތަން. އެއީ ގައުމު އާރާސްތުކުރުމަށާއި ސިޔާސީ ސަބަބުތަކަށްޓަކާ ފައިސާ ވަރަށް ގިނައިން ޖަހައިގެން ނެރުނު. ދެން އަޅުގަނޑުމެންނަށް ފެނުނީ އެ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔަތަން 2008 ގައި. ރިޔާސީ އިންތިހާބަށްވުރެ ކުރިން. އެއީ ތަފާތު ސިޔާސީ ސަބަބުތަކަށްޓަކާ އަދި ކުރަންޖެހޭ ހޭދަތަކެއް ވެސް ކުރަންޖެހުމުގެ ސަބަބުން ދައުލަތުގެ އެކި އެކި މިނިވަން މުއައްސަސާތަކެއް އުފެދި ޑިމޮކްރެޓިކް ގޮތުން ސަރުކާރު ބާރުވެރި ކުރެވި ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔަތަން. މިއީ ރާއްޖޭގައި ޑޮލަރުގެ މައްސަލަ ބޮޑުވާން ދިމާވި ހިސާބު. ރާއްޖޭގައި އަބަދުވެސް މި އޮންނަނީ ރިކަރަންޓް ހަރަދު (ދައުލަތުގެ ކަންކަން ހިންގުމަށް އާންމުކޮށް ކުރެވޭ ހަރަދު) އަބަދުވެސް އޮންނަނީ ލިބޭ އާމްދަނީއަކަށްވުރެ މާބޮޑުވެފައި. މިކަން އެބަޖެހޭ ބަދަލުކުރަން. ދައުލަތް ފުޅާ ކުރަން އެކްސްޕޯޓް ކުރަން ޖެހުނު ދަނޑިވަޅުގައި އެ ބޭނުންވާ ބާރު ސްޕީޓުގައި (އެކްސްޕޯޓް) ބޮޑުވެގެނެއް ނުދިޔަ. އަޅުގަނޑުމެންނަށް މިއަދުވެސް ދިމާވެގެން މި އުޅެނީ އެ ދެ މައްސަލަ. މުޅި ދައުލަތުގެ(ތިން ބާރުގެ) ހަރަދު ލިބޭ އާމުދަނީ އަކާއި ނުބައްދަލުވުން.
ސަރުކާރުން މެނޭޖް ފްލޯޓިން އަކަށް ދިޔައީ ކޮން ގޮތްގޮތަކަށް ބެލުމަށްފަހުގައި ތޯ؟ އަދި ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މި ނޫންގޮތެއް ނެތީ ތޯ؟
ސަރުކާރުން 2009ގައި ވަރަށް މުހިންމު ފިޔަވަޅެއް އެޅުއްވި ތަން ފެނުނު. އެއީ ފައިސާ ޖެހުން ހުއްޓާލާފައި ޓީ-ބިލްސް ވިއްކައިގެން ދައުލަތުގެ ހަރަދު ފޫބައްދަމުން ގެންދިޔައީ. އެހެންވުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔަ. އެކަމަކު އެއާ އެއްކޮށް އަނެއް ފިޔަވަޅަކީ ސިވިލް ސާވިސްގެ މުސާރައާއި ސަރުކާރުގެ ޕޮލިޓިކަލް ބޭފުޅުންގެ މުސާރަ 20 ޕަސެންޓުންނާއި 10 ޕަސެންޓުން ކުޑަކުރެއްވީ. އެކަމަކު ދައުލަތުގެ ދެން އޮތް ދެ ބާރެއް އެކަމެއް ނުކުރެއްވި. އެހެންވުމުގެ ސަބަބުން ހަގީގަތުގައި ހަރަދެއް ކުޑައެއް ނުކުރެވުނު. އެއްއަހަރު ހިފަހައްޓާ ލެވުނު. އެކަމަކު އަނެއްކާ އަލުން ރުޖޫއަކޮށް އެކަން އަނެއްކާވެސް ނިމުނީ އިހުއޮތް ހިސާބަށް އައިސްގެން. ހަގީގަތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާން އެބަ ޖެހޭ. އެއީ މިއޮތީ ކުރިއަށްވުރެ ބޮޑު ދައުލަތެއް. ކުޑަކޮށް އާމްދަނީ އިތުރުމިވީ ކޯޕަރޭޓް ޓެކްސާއި އަދި ޓީޖީއެސްޓީ ނަގަން ފެށުމުން. އެކަމަކު މިއީ ދައުލަތް ހިންގަން ހޭދަވާ ހަރަދާ އެއްވަރުގެ ހަރަދެއް ތޯ އެއީ ބަލަން އެބަ ޖެހޭ. ހަރަދު އެބަޖެހޭ ރައްޔިތުން މަޖިލީހުންނާ އެހެންތަންތަނުން ލިބެން. އެހެން ނޫނީ މިކަމަށް ދިގުމުއްދަތުގެ ހައްލެއް ނާންނާނެ. ދެވަނަ ހައްލަކަށް ފާހަގަ ކުރެވެނީ އެކްސްޕޯޓް އިތުރުކުރުން އެއީ މިއަށްއޮތް ހައްލު. އެއީ ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުކުރުން. ކުރިން މި ދެންނެވި ދެ ކަންތަކަކީ ދިގު އަދި މެދު ރާސްތާގައި ކުރަންޖެހޭ ކަންތައް. މިހާރުން އެބަޖެހޭ ހެދިފައި ހުރި ގާނޫނު ތަކާއި އަދި ގަވާއިދުތަށް ހަރުދަނާ ކޮށް ތަންފީޒުކުރަން. ޑޮލަރު މައްސަލަ ހައްލުކުރުމަށްޓަކާ އެބަހުރި ދުރުން އެޅިފައި ހުރި ފިޔަވަޅުތަކެއް އެއީ މަނީޗޭންޖާ ރެގިއުލޭޝަން މަނިޓަރީ ގަވާއިދުތައް ތަންފީޒު ކުރަން އެބަޖެހޭ ކަޅެއް ހުދެއް ބަލައިނުލައި. ބޭފުޅެއްގެ މޫނަށް ނުބަލައި. އެކަމެއް ނުވޭ. އެކަން ފައްޓައިގެން މިހާރު ކޮންމެވެސް މިންވަރަކަށް އެކަން ހައްލުވަމުން އެބަދޭ. ކުރިން އަޅުގަނޑު ދެންނެވި ދިގުމުއްދަތުގެ ކަންތައްތަކަށް ހައްލު ނައިސް ދިގުލައިގެން ދާތީ އަޅުގަނޑުމެންނަށް މިހާރު އެޅި ފިޔަވަޅު އަޅަން އެބަ މަޖުބޫރުވެ. އެއީ އެ މައްސަލަ ހައްލުނުވަންޏާ ކޮންމެވެސް ދިމާލަކުން އެކަން އެބަ އިހުސާސްވާން އެބަޖެހޭ. ހަށިގަނޑުގެ ރިހުމެއް މި އުޅެނީ. މިއުޅެނީ ހުމެއް އަންނާތީ. އެހުމުން އެހެން ތަންތާގަވެސް ރިއްސާނެ ބޭސް ނުކަންޏާ. މިއުޅެނީ އެ ހުން އައިސްގެން. އަޅުގަނޑުމެން މި އުޅެނީ ހައްތާވެސް އެއަށް ފަރުވާއެއް ނައިސްގެން. އޭގެ އަސްލު ފަރުވާޔަށް ނުގޮސް ސްކޭން ވެސް ކުރެއްވިއްޖެ. އެކްސްރޭ ނަގައިފި. މިކަމަށް އެންމެ އެއްބައިވެގެން ސިޔާސީ ކަންކަމުން ދުރުވެގެން ނޫނީ ދާއިމީ ހައްލެއް ނެތް.
ކޮންކޮން މަސައްކަތް ތަކެއްތޯ އެންމެން އެކުވެގެން ކުރަންޖެހޭ ކަމަށް ތި ވިދާޅުވަނީ. ތަފްސީލެއް ދެއްވި ދާނެ ތޯ؟
ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑަށް ދެންނެވޭނީ މީ ގައުމީ މައްސަލައެކޭ. ސިޔާސީ ކަންކަން އެއްކިބާ ކޮށްފައި ގައުމީ ފެންވަރެއްގައި މިކަމަށް ފިޔަވަޅު އަޅަންވީ. އޭގެ އެއްކަމަކީ ދައުލަތުގެ ރިކަރަންޓް ހަރަދު ލިބޭ އާމްދަނީ އަކާއި އެއްވަރުކޮއްލަންވީ. ކޮށްލައްވާފައި ދެން އަޅުގަނޑުމެން އުފެއްދުންތެރިކަން ކުރިއަށް މިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބާރު ސްޕީޓުގައި ގެންގޮސް ޖައްސަންވީ. ޖެއްސޭނީ އަޅުގަނޑުމެން އިތުރު ކެޕިޓަލް ހަރަދުތައްވެސް ކޮށްގެން. އެފަދަ ހަރަދުތައް ކުރުމަކީ ގައުމަށް މިހާރުން މިހާރަށް ވަރަށް މުހިންމު ކަމެއް. ފަހަރެއްގައި އެއީ ލޯންނަގައިގެން ކުރާކަމެއްގައި ވިޔަސް އެއީ ދިގުމުއްދަތުގައި ފައިދާވާނެ.
ރައީސްވެސް އެބަ ވިދާޅުވޭ ރާއްޖެއަށް ބޭނުންވާ މިންވަރަށް ޑޮލަރު އެބަ ހުރި ކަމަށް. އެކަމަކު ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ނުވައްދާ ފޮރުވަނީ ކަމަށް. އަދި ބްލެކް މާކެޓްގެ ހަގީގަތަކީވެސް އެއީ ކަމަށް. އެއީ ކިހާވަރެއްގެ ހަގީގަތެއް ތޯ؟
ދިވެހިންނަށް ބޭނުންވާ މިންވަރަށް ޑޮލަރު އެބަހުރި. މީގެ މައްސަލައަކީ ދިގު މުއްދަތުގައި ބާޒާރުގައި ގާނޫނު ތަކާއި ގަވާއިދުތަކަށް އަމަލުކުރެވިފައި ނެތީ. އެހެންވުމުގެ ސަބަބުން މީގައި ވަކި އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ އުސޫލުތަކުގެ ތެރެއިން ލާފައި ދާކަށެއް. މިސާލަކަށް؛ މިތާއިދެފައި އައިޖީއެމްއެޗަށް ދާންބޭނުންވާ މީހާ އަޅުގަނޑު ކިތަންމެ ބޮޑު މީހަކަސް އެ ލައިޓްޖެހެން އެބަޖެހޭ. އުސޫލުތަކެއް ގަވާއިދުތަކެއް އެބަހުރި. އަޅުގަނޑު ދުއްވަން ޖެހޭނީ ވަކި އުސޫލެއްގެ ދަށުން. މިއީ އެއްވެސް ތަނެއްގައި ބާޒާރެއްކަމުގައި ވީނަމަވެސް ބާޒާރުގައި ހުންނަންޖެހޭ އަސާސީ ސިފަތަކެއް ހުންނަން އެބަޖެހޭ. އެ ސިފައެއް ނެތް އަޅުގަނޑުމެންގެ. އެހެންވީމައި އެ ސިފަތަށް ގެންނަންޖެހޭނީ. އެއީ މައްސަލައެއް. ދެން އަނެއްކަމަކީ ޑޮލަރު ރާއްޖެއަށް ވަންނަކަން އެބައެނގޭ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރަށް އެބަ ގަނޭ އަހަރެއްގެ ތެރޭގައި ރާއްޖޭގައި އުޅޭ އެއްމިލިއަން މީހުންނަށް ބޭނުންވާ މުދާ. އެއީ ފަތުރުވެރިންގެ ގޮތުގައި ގާތްގަނޑަކަށް ހަތްލައްކަ މީހުން. އެއް ލައްކަ އެއްހާ މީހުން ބިދޭސީންގެ ގޮތުގައި. ތިން ލައްކަ ދިވެހިން އެބައުޅޭ. ފަތުރުވެރިންގެ ޑިމާންޑަކީ ދިވެހިންގެ ޑިމާންޑަށް ވުރެ އެތައް ތަނެއް ބޮޑު ޑިމާންޑެއް. އ ެބޭފުޅުންގެ އެއްޗިހި ވަރަށް އަގު ބޮޑު. މިލިބޭ މަދު ޑޮލަރު ކޮޅުގެތެރެއިން އެބޭފުޅުންވެސް ޑޮލަރު މި ނަގަނީ. މި ނޫން ނިޒާމުތަކެއް އެބަ އުފެދެންޖެހޭ. ދިވެހި ރުފިޔާއަކީ ހުރިހާ މުއާމަލާތްތަކެއް ހިންގަންޖެހޭ އެއްޗަކަށް އެބަވާންޖެހޭ. އެތަންފީޒު ވާން އެބަޖެހޭ. ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނިއްޔާ މި ގޮތަކަށް ކަންކުރެވިފައެއް ނެތް. އެ ގައުމުގެ ފައިސާއިން އެ ގައުމެއްގައި މުއާމަލާތްކުރަނީ. ޕޭމަންޓްތައްވެސް އަދި މެނޫތަކުގައިވެސް އަގު ހުންނާނީ އެގައުމެއްގެ ފައިސާއިން. އެކަމަކު އަޅުގަނޑުމެންގެ މި ހުންނަނީ ހުރިހާ އެއްޗެއް ޑޮލަރުން އަގުޖަހާފައި. އެއީ ގާނޫނާ ހިލާފުކަންތައްތައް. އެކަން އެބަޖެހޭ ހުއްޓުވަން.
ފާހަގަކުރައްވަމުން އެބަގެންދަވާ ގާނޫނާއި ގަވާއިދުގެ ވާހަކަ. އަދި އޭގެ ތެރެއިން އެމްއެމްއޭއިން އަޅުއްވަން ޖެހޭ ފިޔަވަޅުތައް ގިނަކަން އެބަފާހަގަ ކުރައްވާ. މީގެ ކުރިން އަޅުގަނޑުމެންނަށް އަޑުއިވިފައި ވަނީ އެމްއެމްއޭގެ ދައުރު އަދާ ނުކުރުމުންނޭ ޑޮލަރުގެ މައްސަލަ ބޮޑުވީ. އެމްއެމްއޭގެ ދައުރު އޭގެ ފުރިހަމަ ގޮތުގައި އަދާކުރާ ކަމަށް ގަބޫލުކުރައްވަންތޯ؟
އެމްއެމްއޭ ކުރިއަށްވުރެ މާބޮޑަށްއެބަ މަސައްކަތްކުރޭ މިހާރު. އަޅުގަނޑުމެންނާވެސް އެބޭފުޅުން ވަރަށް ކައިރިން ވާހަކަދައްކާ އަދި ހަމަ އަޅުގަނޑުމެންވެސް އެބަވާހަކަ ދައްކަން އެބޭފުޅުންނާ. އަޅުގަނޑު މި އުންމީދު ކުރަނީ މިކަން މިގޮތަށް ދެމެހެއްޓެނިކޮށް ކުރިއަށްދާނެ ކަމަށް. ދެން އޭގެ ކުރިން ވީކަންތައްތަކުގައި އަޅުގަނޑު އޮފީހަކު ނެތިން އޭރު.
ސަރުކާރުން މެނޭޖް ފްލޯޓިން އަކާ ދިމާލަށް ދިޔައިރު އަޅުގަނޑުމެންނަށް މި ފެންނަނީ ތަކެތީގެ އަގުތަށް ބޮޑުވާތަން. އާންމު ރައްޔިތުން ހިތް ނުތަނަވަސްވާތަން. މި އަންނަ އިންބެލެންސްތަކަކީ އިގްތިސޯދަށް ކިހާ ބޮޑު ނުރައްކަލެއްތޯ. އެކަމުން ސަލާމަތް ވުމަށް ކޮންކޮން ފިޔަވަޅުތަކެއް ތޯ އަޅުއްވަމުން ތިޔަ ގެންދަވަނީ؟
ތި ވިދާޅުވާހެން އަޅުގަނޑުމެން މިކިޔާ ބޭންޑް ފްލޯޓިންއަށް ދިޔައިމާ އިގްތިސޯދުގަވެސް ސަރުކާރު ހަރަދުތައް ވަކިވަރެއްގައި ނުހިފެހެއްޓި އުފެއްދުންތެރިކަންވެސް ރަނގަޅު ނުކުރެވި ސްޕެކިއުލޭޓިވް ގާނޫނުތައްވެސް ރަނގަޅު ނުކުރެވި އޮއްވާ މިބަދަލު ގެނައިމާ ރައްޔިތުންނަށް ފެންނާނެ އެންމެ ބޮޑު މަންޒަރަކީ އަގުތަށް އުފުލިގެން ދިޔުން. އެކަމަކު މިއީ އަޅުގަނޑުމެން އަޅަންވެއްޖެ ފިޔަވަޅެއް. އެ ފިޔަވަޅުނާޅާ އަޅުގަނޑުމެން ތިބީމައި ސަރުކާރުން ކަންބޮޑުވެ އެވާހަކަ ދެކެވިއްޖެ. އެއްއަހަރުގެ މުއްދަތަކަށް ސިވިލްސާވިސްގެ މުސާރައާއި އެއްޗިހި ކަޑުއްވާލައްވައިގެން އިލެކްޝަނެއް ބޯމަތިވެއޮއްވާ އެކަންވެސް ކުރެވިއްޖެ. ބަޔަކު ފަރުވާލެއް ނުބެހެއްޓި. މިހާރު އެކަން ކުރަން މަޖުބޫރު. އިތުރަކަށް ޗޮއިސްއެއް ނެތް. ރައްޔިތުން ޑިސިޕްލިން ވާންއެބަޖެހޭ.
ކިހިނެތްތޯ ރައްޔިތުން ތި ވިދާޅުވާފަދަ ނާޒުކު ދަޑިވަޅެއްގައި އަމަލުކުރަންވީ؟ ރައްޔިތުންނަށް ދެއްވާނެ އިރުޝާދަކީ ކޮބައިތޯ؟ އަދި މުޅި އިކޮނޮމީއަށް ދެއްވާނެ ނަސޭހަތަކީ ކޮބައިތޯ؟
އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރަންވީ. ރައްކާކުރަންވީ. އެއްވެސް ހިފެހެއްޓުމެއް ނެތި ރާއްޖެއިން ބޭރަށް ގޮސް ހަރަދުތައް ކުރުމާއި ދަރަންޏަށް ފައިސާ ނަގައިގެން ވެސް ހަރަދުތައް ކުރުމާއި މިކަންކަން އެބަ މަޑުޖައްސާލަން ޖެހޭ. އަދި ވިޔަފާރިތައް ވެސް ޒިންމާދާރު ވާންޖެހޭ. އަޅުގަނޑު ބުނާނީ މި ދަނޑިވަޅަކީ އަޅުގަނޑުމެން ހިފަހައްޓާލަންޖެހޭ ކޮންމެ ވިޔަފާރިއެއް ވެސް ކުރެވޭ އަދި ދިގު މުސްތަގުބަލަށް ވިސްނަންޖެހޭ ފަހަށް ރައްކާކުރާ ދުވަސްތަކަކަށް ހަދާށޭ. އަދި ވިޔަފާރީގައި ކާމިޔާބު ނުވާ ފަރާތްތައް ވެސް ވިޔަފާރިން އެއްކިބާވެ ދުރަށްޖެހިލާ ކޮންމެވެސް އެހެން މަސައްކަތެއް ފެއްޓުމަށް. އާންމުރައްޔިތުންވެސް މި ދަޑިވަޅުގައި ވީހާވެސް ބޮޑަކަށް ހަރަދުކުޑަކުރެވޭނެ ފަހަށް ފައިސާ ރައްކާކުރެވޭނެ ގޮތްތަކެއް ހޯދައި ޒިންމާދާރު ކަމާއި އެކު އުޅެން. އަދި މުޅި ދައުލަތްވެސް ވިސްނުތެރިކަމާއި އެކު ހަރަދުކުޑަކޮށް ހިންގާ ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި ތިބެގެން ކުރިއަށްދާނެ ދަޑިވަޅެއްކަމުގައި ހަދަންވީ.
މިހާރު ހަފުތާއެއް ވަނީ ޑޮލަރުގެ ގަނެ ވިއްކުމަށް ބަދަލުތަކެއް ގެނައިފަހުން. އެކަމަކު ޑޮލަރުގެ ގަންނާކަށް ނުލިބޭ. ބޭންކުތަކުގައި ރޭޓް ޖެހިފައި ހުންނަތަން މި ފެންނަނީ؟ މިކަމަށް ހައްލެއް އެބައޮތް ތޯ؟
އޭގަ އޮތީ ވަރަށް ކުރު ޖަވާބެއް. އެއީ ދައުލަތުގެ ރިކަރަންޓް ހަރަދު ލިބޭ އާމްދަނީއަށް ވުރެ ބޮޑެއްނުވޭ. އުފެއްދުންތެރިކަމެއް ނިސްބަތުން ފައިސާ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު އިތުރެއް ނުވޭ. މި ދެކަމަށް ހައްލެއް ނައިސް ކިހިނެތްތޯ ޑިމާންޑާއި އެއްވަރަށް ސަޕްލައި އިތުރުވާނީ. އެއީ ސްޓްރަކްޗުރަލް އިޝޫއެއް. އެއަށް ބަދަލެއް ނާދޭ. ރަނގަޅު ވާހަކައެއް ބޭނުންވާ މިންވަރަށް ޑޮލަރެއް ނުލިބޭ. އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް. އެކަމަކު ޕްރޮޕޯޝަނުން ގެއްލުވާލީމައި އެކަން ކަމަކު ނުދާނެ. އަޅުގަނޑު މިގެނައި ބަދަލަށް ފަހު ދެތިން ދުވަހަކު ބަލައިލިން ބެލި އިރު ކިޔު ވަރަށް ބޮޑުތަން ކުޑަވެއްޖެ. އެކަމަކު ހައްލު އަންނާނީ ވަގަށް ވިއްކަމުން ދިޔަ ފަރާތްތައް ބެންކަށް ޑޮލަރު ނައިސް އެހުންނަ މަގުތަކުން ބެންކަށް ޑޮލަރު ވައްދާ ފައިސާގެ ވިޔަފާރި ކުރާ ރަނގަޅު ފަރާތްތަކެއް އުފެދި އެމީހުންނާ ދިމާލަށް ޑޮލަރު ގޮސްގެން. ރާއްޖޭގައި ބޭރުފައިސާގެ ވިޔަފާރި ކުރާ މީހުން އެކަން ކުރަނީ ދުނިޔޭގެ އެއްވެސް ތާކު ކަންކުރާ ގޮތަކަށް ނޫން. މިގައުމުގައި މިއޮތީ ގައުމަށް ވަންނަ ޑޮލަރު ބެންކަން ވަންނަ ގޮތަކަށް ނޫން. އަދި ބޭންކުތަކުންވެސް ޑޮލަރު ފަހާ ދުވާ މިންވަރު އަދިވެސް ދައް. ބޭންކުންވެސް އެބަޖެހޭ އެ ޑޮލަރުކޮޅު ހޯދަން އުޅެން. މިހާރު ސަބަބެއް އެބައޮތް ދެއްތޯ. އެއީ އެބޭފުޅުން ޑޮލަރު ހޯދަން ދާންޖެހޭނެ ސަބަބެއް މިއޮތީ ދައްކާފައި. އެހެންވީމައި މިހާރު ވިއްކާއަގާ ގަންނަ އަގުގައި ތަފާތު ހުރީމައި އެބޭފުޅުންނަށް ފައިދާއެއް އެބަލިބޭ. އެކަމަކުވެސް އަދިވެސް އެބޭފުޅުން ޑޮލަރު ހޯދަން އުޅެންޖެހޭ މިންވަރު އެބަ ރަނގަޅުކުރަންޖެހޭ. އޭރުން މިކަން ހައްލުވާނީ.
މަނިކުފާނު ތިހުންނެވީ ގައުމުގެ އެންމެ މުހިންމު އެއް މަގާމުގައި. އަދި ރާއްޖޭގެ އިގުތިސޯދަށް ދުވަހަކުވެސް ދެކިފައިނުވާފަދަ ގޮންޖެހުންތަކެއް ކުރިމަތިވަމުން މި އަންނަނީ. ގައުމައިގެން ކުރައްވަން ޖެހޭ ދަތުރުގައި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ގޮންޖެހުންތަކަކީ ކޮބައިތޯ؟
އަޅުގަނޑަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ދައުލަތުގެ ކެޕިޓަލްހަރުތަކެއް ނޫން ރިކަރަންޓް ހަރަދުތައް ކުޑަކުރުމުގެ މައްސަލަ. ހިންގުމަށް ދާ ހަރަދު ލިބޭ އާމްދަނީ އާއި އެއްވަރު ކުރުން. މިއީ އެންމެ ބޮޑު ގޮންޖެހުން. އަޅުގަނޑަށް މިބުނާ ގޮތަށް ބެލެންސް ކޮށްލެވިއްޖިއްޔާ އަޅުގަނޑުގެ މަސައްކަތުގެ ބޮޑުބައި ހާސިލްވީ. އަޅުގަނޑު މިފުރުސަތުގަވެސް އެބައެދެން ހުރިހާ ބޮޑަތި މުއައްސަސާތަކުންވެސް ދައުލަތުގެ ބާރުތަކުންވެސް އަޅުގަނޑުގެ މި މަސައްކަތުގައި އެއްބާރުލުން ދޭން. އަޅުގަނޑު އެކަމަށް އިއުތިމާސްކުރަން. އެހެން ނޫނީ އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑު އަޑިގަޑެއްގެ ތެރެއަށް. އަދަވަޅަކަށް ވެއްޓޭނީ. އަޅުގަނޑުމެންގެ ހަރަދު ދަށް ބޮޑުވެގެން ގޮސް ދަރަނީ މިއޮތީ ފަސް ބިލިއަނުގައި. ދަރަންޏަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން. އެކަން ހައްލުކުރަން އަޅުގަނޑު މި އުޅެނީ. ދެން އަނެއް ކަމަކަށް އަޅުގަނޑަށް ކުރިމަތިވަނީ ވަޒީފާނެތިފައި ތިބި ފަރާތްތަކާއި އަދި ދިވެހިންގެ ހަރަދު ކުރުމުގެ ނިސްބަތް މަދުކޮށް އަދި ފަހަށްރައްކާ ކުރުމުގެ އާދައަށަގެންނެވުން. މިދެކަން ހައްލުކުރެވުނީމާ އަޅުގަނޑުގެ މަސައްކަތް ކާމިޔާބުވީ.
އެބަ ފާހަގަކުރައްވާ ހަރަދުތައް ކުޑަކުރަންޖެހޭ ވާހަކަ. ކުރިއަށް ފެންނަންއޮތީ އިނާޒް އަށް ގޮންޖެހުން ބޮޑުވާ މަންޒަރު. އެއީ ހައްޖު މޫސުން އައިސް ބޯމަތިވަނީ. އޭރުން އަނެއްކާވެސް ޑޮލަރަށް މީހުން ބޭނުންޖެހޭ ވަރު އިތުރުވޭ. އަނެއްކާ ރޯދަ މަސް. ހަރަދުތައް ބޮޑުވާ މޫސުމެއް. މިކަމުން މިހާރު ޑޮލަރުގެ ކަންތައް މިހިރަ ހިސާބުންނާއި އައު ނިޒާމުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ތޯ؟
ރަނގަޅު ސަރުކާރުން އެމްއެމްއޭއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން މި އަންނަނީ. އަޅުގަނޑުމެން ބޭންޑްތެރޭގައި ހިފެހައްޓަން މަސައްކަތްކުރާނަން. އަޅުގަނޑުމެންނަށް ވެވުނު ހުރިހާ މަސައްކަތެއް ކުރާނަން. ބޭސްފަރުވާ އާއި ވެލްފެއާގެ ތެރެއިން އެކަން ކަވަރު ކުރެވޭތޯ މިބަލަނީ. ނުފޯރާ ފަރާތްތަކަށް އެބަހުރިގޮތްތަކެއް. އެ ގޮތްތަކުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޝޮކެއް ތަދެއް މިއީ. ދަތެއް އިހުސާސްވާނެ ދެއްތޯ. މާފުކުރައްވާތީ މިހެން ތަކުރާރުކުރައްވަން ޖެހޭތީވެސް. ތަދެއްވާނެ. އަޅުގަނޑުމެންގެ ކަންތައްތައް ހުރިގޮތުން އިހުސާސްވާނެ. އެކަންއިހުސާސްކުރެވިގެން މުސްތަގުބަލް އާރާސްތުކުރެވޭނީ. ކެތްތެރިވާންޖެހޭނެ. މިހާރު މިއޮތް މަލަންގަޑު ނައްޓާލާފައި ސާފުކުރަން އުޅޭއިރު ދަތުވާނެ. އިރާދަކުރެއްވިއްޔާ ދެން ދާނީ ފާރުގަދޫ ހިކެމުން ތަދު ކުޑަވަމުން. ލައްގަނޑުން ދާންވެސް ދުވަސްކޮޅެއް ނަގާނެ.
އެހެންވީމަ ތި ވިދާޅުވަނީ އަލުން އެބުރި ކުރީގެ ގޮތަށް އިޔާދަ ކުރާނަމޭ ތޯ އެކްސްޖޭންޖް ޕޮލިސީ؟ މިދެންނެވީ ފިކްސްޑް ފުލޯޓިން އަކަށް ކުރިންވެސް ހުރިގޮތަށް.
އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތަކީ އިގުތިސޯދު ބާޒާރަށް ހުޅުވާލުން. އެކަމަށް މިސަރުކާރުން މަސައްކަތްކުރާނީ ބާޒާރަށް ވިހާވެސް ބޮޑަށް ކަންކަން ދޫކުރުން.
މަނިކުފާނު މިނިސްޓަރުކަމަށް އައްޔަންކުރެވުނުތަނާހެން ކުއްލިއަކަށް އެކްސްޗޭންޖް ޕޮލިސީއަށް ބަދަލުތަކެއް ގެނެވުނީ. އެއާއެކު މަޖިލީހުގެ ތެރެއިންވެސް މަނިކުފާނަށް ފާޑުކިޔުން ރައްދުވި. ވާދަވެރި ސިޔާސީ ފަރާތްތަކުގެ އަމާޒަކަށްވި. މިހެން އަންނަ ސިޔާސީ ހަމަލަތަށް ކިހިނެތްތޯ ސިފަކުރައްވާނީ؟ ކޮބައިތޯ އެކަމަށް ދެއްވާނެ ރައްދަކީ؟
އަޅުގަނޑު މިހާތަނަށް އައިސް މަސައްކަތް ކޮށްފައި އޮންނާނީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގައި ބޭންކިން ސްޕަވިޝަންގައި. އަދި ޕްލޭނިންގް މިނިސްޓްރީގައި އެސިސްޓެންޓް ޑައިރެކްޓަރުން ފެށިގެން ޑައިރެކްޓަރު ޖެނެރަލެއްގެ މަގާމަށް އަޅުގަނޑުމެން މަސައްކަތްކުރިން. ސަރުކާރު ބަދަލުވުމުގެ ކުރިން ޓްރޭޑް މިނިސްޓްރީގައި ޕޮލިސީ ކޯޑިނޭޓަރަކަށް މަސައްކަތްކުރިން. އަދި ސަރުކާތު ބަދަލުވުމަށްފަހު ޑެޕިއުޓީ އަދި ސްޓޭޓްމިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑު އުޅުނިން. އަދި ސިންގަޕޫރުގެ ޔުނިވާސިޓީން އިގްތިސޯދީ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށް އަދި އިނގިރޭސިވިލާރުން މާސްޓާޒްއެއް ހާސިލްކޮށްގެން އަޅުގަނޑު މި އުޅެނީ. ޑިގްރީ ކުލާސްތަކަށް ކިޔަވައިދެމުން މި އަންނަނީ. މިހުރިހާ ކަމަކާ ހުރެ އަޅުގަނޑުގެ ކޮންފިޑެންސް އެބަހުރި. ސިޔާސީ ގޮތުން ބޭފުޅުން ދައްކާވާހަކައަށް އަޅުގަނޑު ކޮމެންޓެއްނެތް. އަޅުގަނޑުގެ ކޮންފިޑެންސް މި ޓީމަސާއި ތަފާތު މާލީ އިދާރާތަކަށް އެބައޮތް. މިގައުމުގެ މާލީ ކަންކަން ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަށް އެބައޮތް. އަޅުގަނޑު އަބަދުވެސް ވަކީލް ކުރަނީ ﷲ އަށް. މި މަސައްކަތުގައި އަޅުގަނޑު ނިކުމެމިހުރީ އެ ޔަގީންކަމާއިވެސް އެކު. ވަކީލްކޮށްގެން. އަޅުގަނޑު އުންމީދުކުރަން ރައްޔިތުންވެސް އަޅުގަނޑާ އެކު ތިއްވަވާނެ ކަމަށް. މަޖިލީހުން ނިންމަވާނެ ގޮތެއް އިގޭނީ އެ ބޭފުޅުންނަށް.