ކުލަގަދަ ހަރަކާތްތަކަކާ އެކު ޗައިނާގެ އާ އަހަރު ކ. މާފުށީގައި ފާހަގަކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) ގުޅިގެން މާފުށީގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް މިއަހަރު ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް އިއާ" ގެ ދަށުން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ.

އެމްއެމްޕީއާރްސީން މައުލޫމާތު ދިން ގޮތުގައި ޗައިނާގެ މިފަދަ ސަގާފީ ހަރަކާތެއް ރާއްޖޭގައި ފާހަގަ ކުރުމުގެ މަގްސަދަކީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

މިހާރު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަަތް ކުރަނީ ޗައިނާއިންނެވެ. އެހެންކަމުން ޗައިނާގެ މާކެޓް ދެމެހެއްޓުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދެ އެވެ. އެގޮތުން ޗައިނާ ފަތުރުވެރިންނަށް އަމާޒުކޮށް މިފަދަ ފެސްޓިވަލްތައް ކުރިއަށް ގެންދިއުމުން، ކުރިއަށް އޮތް ތަނުގައި ހާއްސަ ފެސްޓިވަލްތަކާ ދިމާކޮށް ޗައިނާ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް މިއަދު މޫދު ކުޅިވަރުގެ ހަރަކާތްތަކެއް ވެސް މާފުށީގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގެސްޓް ހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރިއަށް ގެންދާ މާފުށީގައި ތިބި ފަތުރުވެރިންނަށް މިރޭ ވަނީ ހާއްސަ ޑިނާ އެއް ކުރިއަށް ގެންގޮސްފަ އެވެ. ޑިނާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވާންގް ފޫކާން އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވާންގް ފޫކާން ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ޝަފްނާ ހުސައިން

އޭނާގެ ވާހަކާގައި ރާއްޖޭގެ ރީތިކަން ބަލާލުމަށް އައުމަށް ޗައިނާގެ ރައްޔިތުންނަށް ވަނީ ދައުވަތު ދެއްވާފަ އެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ބައިވެރިވި ޑިނާގައި ބައިވެރިވި ފަތުރުވެރިންގެ މެދުގައި ގުރުއަތެއް ނަގައި ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ވަނީ ދީފަ އެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ނަސީބުވެރިޔަކަށް އިނާމު ހަވާލު ކުރަނީ -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ކެއުން ކުރިއަށް ދިޔަ އިރު ލަޔަން ޑާންސް އާއި ދިވެހި ސަގާފީ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ލަޔަން ޑާންސް ކޮށްފައި ވަނީ ބޮޑުބެރަށެވެ. އޭގެ އިތުރުން ދިވެހި ބަނޑިޔާ ޖެހުމާ މާފަތި ނެށުމުގެ އިތުރުން ޗައިނާގެ ސަގާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ، ޗައިނާގެ އާ އަހަރު ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ޗައިނާގައި އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ އެއް މުނާސަބަތު ކަމަށްވާ ޗައިނީސް އާ އަހަރާ ދިމާކޮށް ޗައިނާގެ ގިނަ ރައްޔިތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.