08 Feb 2016, 22:35
ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ މޭވާ ލިބެން ފެށުމުން އެކަމާ އުފާ ކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަޕާނުގެ އެމްބަސީއެއް ހުޅުވުމުން އެކަން ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖާފަތެއްގައި ފޮރިން މިނިސްޓަރު ދުންޔާ ހުށަހެޅުއްވި، ރައީސް ޔާމީނުގެ މެސެޖްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްބަސީ ހުޅުވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"...އަޅުގަނޑުގެ ޒިޔާރަތުގައި ގާއިމްކުރި އެއްބަސްވުންތަކުގެ މޭވާ އެންމެ ފަހުން ލިބެން ފެށުމުން އިންތިހާއަށް އުފާކުރަން. ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދީފައިވާ ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އިހުލާސްތެރިކަމާއި ޝުކުރާއި މުބާރަކުބާދީ ފޮނުވަން. ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް އަދި މަލްޓީލެޓްރަލް ގުޅުން އިތުރަށް ބަދަހިކުރުމަށް ބޮޑުވަޒީރު ސީޒޯ އަބޭއާއި އެކު މަސައްކަތް ކުރަން އަޅުގަނޑު ގަސްދުކުރަން،" ރައީސް ޔާމީނުގެ މެސެޖްގައި ވިދާޅުވެފައި ވެއެއެވެ.
ހަފުލާގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ރައީސް ޔާމީނު ޖަޕާނަށް ކުރެއްވި ޒިޔާރަތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމުގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.